ހަރުދަނާ ޝަޚުސިއްޔަތަކަށް މީހާ ވާނީ ޢިލްމާ ހުނަރު ބޭނުންކުރާ ގޮތެއްގެ މަތީން ކަމަށް ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑެންޓް ޔުނިއަނުން އައްޑޫ ސިޓީގައި އިންތިޒާމުކޮށްގެން ކުރިއަށްދާ ވާހަކަ ދެއްކުމުގެ މުބާރާތާއި ބަޙުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ރަސްމިއްޔާތު އޮތީ އައްޑޫ ސިޓީގައެވެ. މިފަދަ މުބާރާތްތަކުން ދަރިވަރުންގެ ކިބައިގައި އަށަގަންނުވައިދެނީ ޝަޚުސިއްޔަތެއްގެ ކިބައިގައި ހުރުން ލާޒިމުކުރާ މުހިންމު ސިފަތައް ކަމަށާއި އަމިއްލަ ނަފުސުގެ ސާބިތުކަން ދަމަހައްޓަން ވެސް މިއިން ދަސްކޮށްދޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ތެދުވެރިކަމުގެ މާތް ސިފައާއި ސާފު ތެދު މައުލޫމާތާއި ޢިލްމީ ބުރަދަން ހުރި ވާހަކަތަކަށް ލޯބިކުރުން ފަދަ ކަންކަން ދަރިވަރުންގެ ކިބައިގައި އަށަގަނެގެން ދިއުމުގެ ސަބަބުން ޤައުމުގެ މުސްތަޤުބަލު އުޖާލާވެގެންދާނެ ކަމަށް އެ ކަމަނާ ފާހަގަކުރެއްވިއެވެ.
މިއީ ހެދިބޮޑުވަމުން އަންނަ ޖީލުތަކުގެ މެދުގައި ހަރުދަނާ ޝަޚުސެއް ބިނާކުރުމުގެ މުހިންމު ތަރުބަވީ ހަރަކާތެއް ކަމަށާއި މީގެ ސަބަބުން އިޙުތިރާމާއެކު ތަފާތު ޚިޔާލުތައް ބަދަލުކުރަން ދަސްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ބަދަލުވަމުންދާ ދުނިޔެއަކަށް ދަރިން ތަރުބިއްޔަތު ކުރާއިރު އުފެއްދުންތެރި ޚިޔާލާ ޢިލްމީ ވިސްނުންތަކުގެ އަލީގައި މުއާމަލާތު ކުރުމުގެ ހުނަރު އުފެއްދުމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީއާއެކު ދިރިއުޅުމުގެ އުސޫލުތަކަށް ބަދަލު އައިކަމުގައި ވިޔަސް ތަފާތުވުންތަކާ ކުރިމަތިލާން ދަސްކޮށްދިނުމުގެ ހުނަރަކީ މިއަދުގެ މުޖުތަމަޢުގައި ވަކިން ޚާއްޞަ ގޮތެއްގައި ބޭނުންތެރި ކަމެއް ކަމަށް އެ ކަމަނާ ވިދާޅުވިއެވެ.
ހަރުދަނާ ތަޢުލީމާ ފަންނީ ހުނަރުތަކަކީ މުހިންމު އަސާސީ ކަންކަން ކަމުގައި ވިޔަސް އަމިއްލަ ޚިޔާލު ފާޅުކުރުމުގެ ޤާބިލުކަން ނެތްނަމަ ލިބިހުރި ޢިލްމާ ހުނަރުތައް އެންމެ ފުރިހަމަވީކަމުގައި ނުދެންނެވޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ދަރިވަރުންގެ ޚިޔާލުތައް އަޑުއަހައި އީޖާދީ ވިސްނުންތަކާ މަޝްވަރާތަކަށް ހިތްވަރު ދޭންޖެހޭ ކަމަށާއި މިކަމުގެ ސަބަބުން ދަރިވަރުންގެ ކިބައިގައި ނަފުސުގެ އިޢުތިމާދު އަށަގަންނުވައިދޭ ކަމަށް ވަޒީރު ހީނާ ވިދާޅުވިއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނާއި، އެ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާއި، ފަންނާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި، އައްޑޫ ސިޓީ ކައުންސިލުގެ އިތުރުން ދިވެހިބަހުގެ އެކެޑަމީ ގުޅިގެން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.










ކިޔުންތެރިންގެ ހިޔާލު