ދިވެހި ޒުވާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފުޅާކުރުމުގެ މަޤުޞަދުގައި، ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއާއި ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއާ ދެމެދު މުހިންމު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު މުޙައްމަދު އަމީންއެވެ. އަދި ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އެ ވުޒާރާގެ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މި އެއްބަސްވުމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.
ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ އެންމެ ބޮޑު ސިނާޢަތް ކަމަށްވާ ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ޢަމަލީ ތަމްރީނުދީ، ކާމިޔާބު މުސްތަޤުބަލަކަށް މަގުފަހިކޮށްދިނުމެވެ. މި ޕްރޮގްރާމަކީ މި ސިނާޢަތަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ހުޅުވައިދެވޭ އަގުހުރި ފުރުސަތެކެވެ.

މި ޕްރޮގްރާމުގެ ބައިވެރިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ރިސޯޓުތަކާއި، ހޮޓާތަކުގެ އިތުރުން ގެސްޓްހައުސްތަކުގައި ތަމްރީނު ހާސިލުކުރާނެއެވެ. މިގޮތުން ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދުގެ ދަށުން ޢަމަލީ މަސައްކަތްތައް ދަސްކޮށް، މަސައްކަތުގެ މާހައުލަށް ބޭނުންވާ ހުނަރުތައް ތަރައްޤީ ކުރުމުގެ ފުރުސަތު ބައިވެރިންނަށް ލިބިގެންދާނެއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ތަމްރީނު ފުރިހަމަކުރާ މުއްދަތުގައި ބައިވެރިންނަށް މާލީ އިނާޔަތެއް ލިބިގެންދާނެއެވެ. އަދި ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާ ފަރާތްތަކަށް، އެ ފަރާތްތަކުން ހާސިލުކުރި ހުނަރާއި ތަޖުރިބާ ރަމްޒުކޮށްދޭ، ރަސްމީކޮށް ޤަބޫލުކުރެވޭ ސަނަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ވަޒީފާގެ މުސްތަޤުބަލެއް ބިނާކުރުމަށް އެޅޭ މުހިންމު ބިންގަލެކެވެ.
މީގެ އިތުރުން، މި އިސްނެގުމުގެ މައިގަނޑު އެއް އަމާޒަކީ ފަތުރުވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ ދިވެހި އަންހެނުންގެ ހިއްސާ އިތުރުކުރުމެވެ.
އެގޮތުން ދެ ވުޒާރާ ގުޅިގެން ސިނާޢަތުގެ އެކި ފަރާތްތަކާއެކު މަޝްވަރާކޮށް، ޒުވާން އަންހެނުން މި ދާއިރާއަށް ޝައުޤުވެރި ކުރުވުމަށާއި އެޕްރެންޓިސްޝިޕްގެ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ބާރުއެޅުމުގެ ޚާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ސިނާޢަތަކީ ކޮންމެ ދިވެއްސެއްގެވެސް ހިއްސާ އޮތް ދާއިރާއެއް ކަމަށެވެ. އަދި މި ފަހުމުނާމާގެ ސަބަބުން ޒުވާނުންނަށް، ޚާއްސަކޮށް ޒުވާން އަންހެނުންނަށް، މަސައްކަތުގެ މާހައުލުން ޢަމަލީ ތަޖުރިބާ ހޯދައި، އާމްދަނީ ލިބޭ ގޮތަށް ތަމްރީނުވުމުގެ ރަނުގެ ފުރުސަތެއް ހުޅުވިގެންދާނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންގެ ބައިވެރިވުން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑު އިސްކަމެއްދޭ ކަމެކެވެ. ރާއްޖޭގެ އިޤުތިޞާދުގެ މައިބަދައަކީ ފަތުރުވެރިކަން ކަމަށްވާއިރު، މި ދާއިރާގެ ކުރިއެރުމާއި މަންފާގައި ދިވެހި ޒުވާނުންގެ ފުރިހަމަ ހިއްސާ ކަށަވަރުކޮށް، ހަލުވިކަމާއެކު ކުރިއަރަމުންދާ މި ސިނާޢަތަށް ބޭނުންވާ ހުނަރުވެރި ދިވެހި މަސައްކަތްތެރިން ބިނާކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އެއްބަސްވުމުގެ ދަށުން ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަށާއި ސިނާޢަތުގެ ބައިވެރިވުން އިތުރުކުރުމުގެ މަސައްކަތް ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ކުރާއިރު، ޒުވާނުންގެ މެދުގައި މި ޕްރޮގްރާމް އިޝްތިހާރު ކުރުމާއި، އެޕްލިކޭޝަންތައް ވިލަރެސްކުރުމުގެ އިތުރުން ތަމްރީނާއި ސަނަދު ދިނުމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ ޒުވާނުން ބާރުވެރިކުރުވުމާ ބެހޭ ވުޒާރާއިންނެވެ.










ކިޔުންތެރިންގެ ހިޔާލު