މިދިޔަ ތިން މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު ދަށްވި ނަމަވެސް، މި އަހަރު ނިމޭއިރު މިދިޔަ އަހަރާ އެއްވަރަށް ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން މިހެން ވިދާޅުވީ، މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އަހަރު ކަމަށް ފާހަގަކުރައްވަމުންނެވެ.
“އަހާ ފޯރަމް” ގައި، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިންގެ އަދަދު ދަށްވުމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު އަމީން ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވުމުގައި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލަމާތީ މިންގަނޑު މަތީގައި ހުރުން ހިމެނޭ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 2024 ވަނަ އަހަރު ސިވިލް އޭވިއޭޝަނަށް ބަދަލުތަކެއް ގެނެވި ސަލާމަތީ މިންގަނޑު މަތިކުރެވުނު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރުގެ ސަލަމާތީ މިންގަނޑު ބަލާ އައިކާއޯ (ICAO) އޮޑިޓުން ރާއްޖެއަށް %79.6 ލިބި، ރާއްޖެ ކުރިއެރުން ހޯދިކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ، “ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެން ދިޔައީމަ ވަރަށް ގިނަ ޔޫރަޕުގެ ކެރިއާސްތައް އައުމާއެކީގައި މިދެންނެވި 2.275 މިލިޔަން ފަތުރުވެރިން ރާއްޖެއަށް އައިސްގެން ދިޔަ.” މިކަމުގެ ސަބަބުން މިދިޔަ އަހަރު ރާއްޖެއަށް ރެކޯޑް އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރި ކަމަށް އޭނާ ހާމަކުރެއްވިއެވެ.

މިއަހަރު ފެށިގެން ފުރަތަމަ ދެ މަހު (ޖަނަވަރީ އަދި ފެބުރުވަރީ) ސަރުކާރުން އަމާޒު ހިފިގޮތަށް ކުރިއެރުން ހޯދި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މެދުއިރުމަތީގެ ހަނގުރާމައާއެކު މާރިޗު، އެޕްރީލް، އަދި މޭ މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު، 24 އިންސައްތަ ދަށްވި ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ. އެހެން ނަމަވެސް، ސަރުކާރާއި ފަތުރުވެރިކަމުގެ ސިނާޢަތުން ގުޅިގެން ކުރި މަސައްކަތުން މިހާރު މި އަދަދު 1.3 އިންސައްތައަށް ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
މިހާރުގެ ފޯކާސްޓަކީ މިދިޔަ އަހަރާއި ގާތްގަނޑަކަށް ހަމަކުރެވޭނެއޭ މިއަހަރު ނިމޭއިރު. އެއަށްވުރެ ކުޑަތަންކޮޅެއް ވީއްޔާ ވާނީ ރަނގަޅު އަޅުގަނޑަށް ފެންނަ ގޮތުގައި. އެގޮތަށް ނިންމާލެވިއްޖެއިއްޔާ އެއީ ވަރަށް ބޮޑު ކުރިއެރުމެއް. މިއީ އަޅުގަނޑުމެންނަށް އެކަނި ދިމާވި ކަމެއް ނޫން. އެކަމަކު މި ރިކަވަރީ ދުނިޔޭގައި މިސާލެއްގެ ގޮތުގައި ފެނިވަޑައިގަންނަވާނެ ވަރަށް ގިނަ ބޭފުޅުންނަށް. އަޅުގަނޑު ވަރަށް ހިތްހަމަ ޖެހޭ.
ވަޒީރު އަމީން ވިދާޅުވިއެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތައް ދައްކާގޮތުން މިހާތަނަށް ރާއްޖެއަށް 1.6 މިލިޔަން ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. ރާއްޖޭގެ ފަތުރުވެރިކަން ހަރުދަނާކޮށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިއަންނަ އަހަރަކީ ރާއްޖެއަށް ޒިޔާރަތްކުރުމުގެ އަހަރުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ.











ކިޔުންތެރިންގެ ހިޔާލު