ފަތުރުވެރިކަމުގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތަށް ނުނިމޭ ހާލަތްތަކުގައި، ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އިތުރުކޮށްދެވޭނެ އެންމެ ދިގު މުއްދަތަކީ 12 މަސް ދުވަސް ކަމުގައި ކަނޑައަޅައިފިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްޤީކޮށް ނުނިމި ހުރި ތަންތަނާއި ރީ-ޑިވެލޮޕްކުރުމަށް ބަންދުކުރާ ތަންތަން ތަރައްޤީކުރުމަށް އިތުރު މުއްދަތު ދިނުމާއި، ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އައު ގަވާއިދެއް އާންމުކޮށް މިހާރު ވަނީ އަމަލުކުރަން ފަށާފައެވެ.
މިގޮތުން އައު ޤަވާއިދުގައި އި ކުއްޔަށްދޫކުރާ ތަން އެއްކޮށް ތަރައްގީކޮށް ނިންމުމަށް ދީފައިވާ މުއްދަތު ނުވަތަ، ކުއްޔަށް ދޫކުރާ ތަން ބައިބަޔަށް ބަހައިލައިގެން ނިންމުމަށް ދީފައިވާ މުއްދަތު ފަހަނައަޅާގޮސްފައިވާ ތަންތަނާމެދު އަމަލުކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފައެވެ.

އައު ގަވާއިދާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ފަތުރުވެރިކަމުގެ ބޭނުންތަކަށް ބައެއްގެ އަތްމައްޗަށް ދިގުމުއްދަތަކަށް ރަށްތަކާއި ފަޅުތައް ދޫކުރެވުންދާއިރު، އަހަރުތަކެއްވެގެންދާއިރު އެތަންނުގެ އަމަލީ މަސައްކަތްތައް ފެށިގެންނުދާކަމީ ރައްޔިތުންގެ ހައްގު އެކަމެއްގައި އެކުލެވިގެންވާ ކަމެއް ކަމަށެވެ. މިފަދަ ރަށްތަށް އޮޕަރޭޓްކުރަން ފެށުމަކީ ވަޒީފާގެ ފުރުސަތުތައް ފަހިވެ، ގްރީން ޓެކުހާއި، ޓީޖީއެސްޓީ އިތުރުވެ ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ ކަމެއް ކަމަށެވެ.
އަޅުގަނޑު މިދަންނަވަނީ 25 އަހަރުވެފައި ހުރި ތަންތަންވެސް އެބަހުރި. އެހެންމަ މިކަންތައްތަކަށް ނިމުމެއް އެބަ ގެންނަންޖެހޭ. މީގެ ތެރޭގައި އެބަހުރި މަސައްކަތް %25 އާއި %30 ނިމިފަ ހުރި ތަންތަންވެސް. އަޅުގަނޑުމެންގެ ސަރުކާރުގެ މަގުސަދަކީ އެތަންތަން ފެސިލިޓޭޓްކުރުން. އަނެއްކާވެސް ކޮންސްޓަރަކްޝަން ޕީރިއަޑެއްދީގެން މަސައްކަތް ކުރެވެން ހުރި ފަރާތްތަކަށް އިތުރު ފުރުސަތެއް ދިނުމަކީވެސް ކުރެވޭނެ ކަމެއްތާ.
ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
އަމީންގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ އެކި ބޭނުންތަކަށް ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން ތަރައްޤީ ނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ 168 ތަނެއް ފާހަގަކުރެއްވިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިތަންތަނުގެ މަސައްކަތްތައް އެކި މަރުހަލާތަކުގައި ހުރިއިރު، މީގެ ތެރޭގައި މާލީ އިދާރާތަކުން ބޭންކު ލޯނުތައް ދީފަހުރި ތަންތަންވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން މިއީ ކޮންމެހެންވެސް ކުރަންޖެހޭ މަސައްކަތަކަށްވާތީ، ކަމާގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ގަވައިދަށް ބަދަލުތަކެއް ގެނެސްފައިވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރަން ދޫކޮށްފައިވާ ތަންތަނުގެ މުއްދަތު އިތުރުކުރާނަމަ 1 ލައްކަ ޑޮލަރުގެ ފީއެއް ދައްކަންޖެހޭއިރު، ސަރުކާރުގެ މަޝްރޫއަކަށް ހަރަދުކުރަންޖެހޭ ގޮތަށްވެސް ގަވާއިދަށް ވަނީ ބަދަލު ގެނެސްފައެވެ.
ބިމެއްގެ ކޮންސްޓްރަކްޝަން މުއްދަތު އެންމެ ދިގުވެގެން 12 މަހަށް އަދި ފަޅެއްގެ މުއްދަތު އެންމެ ދިގުވެގެން 24 މަހަށް އިތުރުކުރެވޭއިރު، އެންމެ ކުރު މުއްދަތަކީ 1 މަސް ދުވަހެވެ. މި ފީ ‘ކޮންޑިޝަނަލް އެޕްރޫވަލް’ ދޭ ތާރީހުން ފެށިގެން ސަރުކާރު ބަންދު ދުވަސްތަކާއެކު 30 ދުވަހުގެ ތެރޭގައި ދައްކަންޖެހޭނެ ކަމަށާއި، ފައިސާ ނުދައްކައިފިނަމަ ހުއްދަ ބާތިލުކޮށް ފިޔަވަޅު އެޅުމުގެ ބާރު ވުޒާރާއަށް ލިބިދެއެވެ.
އަލަށް ގެނައި އިސްލާހުތަކުގެ ދަށުން، ތަރައްގީކުރުމުގެ މުއްދަތު ހަމަވިތާ 8 އަހަރު ވެފައިވާއިރުވެސް އަމަލީ މަސައްކަތް ފަށާފައި ނުވާ އަދި ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ 10 މިލިޔަން ޑޮލަރަށް ވުރެ މަތިވެފައިވާ ތަންތަނަށް އިތުރު ފުރުސަތެއް ދިނުމަކާ ނުލައި އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ވުޒާރާއަށް ލިބިގެންވެއެވެ.
މީގެއިތުރުން، ގްރޭސް ޕީރިއަޑަށް ފަހު އިމާރާތްކުރުމުގެ މުއްދަތު 60 މަސްދުވަހަށް ވުރެ އިތުރުވެފައިވުން ނުވަތަ ކުއްޔަށް ދިންތާ 8 އަހަރު ވެފައިވާއިރު އަމަލީ މަސައްކަތުގެ 15 އިންސައްތަވެސް ނުނިމޭ ތަންތަނުގެ އެއްބަސްވުންތައްވެސް ވަގުތުން ބާތިލުކުރެވޭނެ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު