ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރާ މަސައްކަތުގެ މަންފާ ސީދާގޮތެއްގައި ރާއްޖޭގެ ގިނަ ރައްޔިތުންނަށް ކުރަމުންދާކަމަށް ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސް 2026 ގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވަނީ  ރާއްޖޭގައި ވޯލްޑް ޓްރެވެލް އެވޯޑްސް ފަދަ މުހިންމު އިވެންޓެއް ރާއްޖޭގައި ބޭއްވިގެންދިޔުމަކީ ޝަރަފެއްކަމަށާއި އޭގެ ސަބަބުން ރާއްޖެއަށް އިތުރު ސަމާލުކަމެއް ލިބިގެންދާނެކަމަށެވެ. އަދި ރާއްޖެ މިއެވޯޑު ހޯސްޓްކުރުމަށްޓަކައި ޚިޔާރުކުރެއްވީތީ ވަޒީރުވަނީ ޓްރެވެލް އެވޯޑްސްއަށް ޝުކުރުއަދާކުރައްވާފައެވެ.

ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ވާހަކަފުޅުގައި ވަނީ ރާއްޖޭގެ ފަތުރުވެރިކަން މީގެ 54 އަހަރުކުރިން ފެށިގެން އައިގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަކީ މިއަދު ދުނިޔޭގައި ފާހަގަކޮށްލެވޭ ކާމިޔާބު ސިނާޢަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއަދު މިދެކޭ ކާމިޔާބީއަށް އައުމުގައި ސިނާޢަތުގެ ބާނީންނާއި މިދާއިރާގައި އެކި ގޮތްގޮތުން މަސައްކަތްކުރާ ހުރިހާ މަސައްކަތްތެރިންގެ ހިތްވަރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިއަދު ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ސިންދަފާތުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ގިނަ ޢަދަދެއްގެ ދިވެހީންނަށް ފަތުރުވެރިކަމުގެ ސިނާޢަތުގެ ފައިދާ މިހާރު ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރާއްޖެ އިޝްތިހާރުކޮށް އިތުރު މަންޒިލްތަކަށް ދަތުރުފަތުރު ފެށުމާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ސިންދަފާތުކޮށް އެކި ފަންތީގެ ރައްޔިތުންނަށް ފަތުރުވެރިކަމުގެ މަންފާ ލިބޭނެ މަގުފަހިކުރުމަށްދަނީ މަސައްކަތްކުރަމުން.

ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

އަންނަ އަހަރަކީ ރައްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގައި މުހިންމު އަހަރެއްކަމަށް ވަޒީރު ވިދާޅުވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް 55 އަހަރުފުރޭ މުނާސަބާއާއި ގުޅިގެން ވިޒިޓް މޯލްޑިވްސްއިން ކުލަގަދަކޮށް އަންނަ އަހަރު ފަތުރުވެރިކަމުގެ ސިނާޢަތުގެ ކާމިޔާބީތައް ފާހަގަކުރުމަށް ހަމަޖެހިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވޯލްޑް ޓްރެވެލް އެވޯޑްސް އޭޝިއާ، އޯޝޭނިއާ އެންޑް އިންޑިއަން އޯޝަން ގާލާ 2026ގައި ރާއްޖެއިން މިއަހަރު ވަނީ 5 ދާއިރާއަކުން އެވޯޑު ހޯދާފައެވެ. މީގެ ތެރޭގައި އިންޑިއަން އޯޝަންސް ލީޑިން ޑެސްޓިނޭޝަންގެ މަޤާމު ވިދިވިދިގެން 7 ވަނަ ފަހަރަށް ރާއްޖެއިން ވަނީ ހޯދާފައެވެ. މިއީ ފަތުރުވެރިކަމުގެ ސިނާޢަތުގައި ދުނިޔޭގެ ފެންވަރުގައި ދެމުން އަންނަ އެންމެ ޝަރަފުވެރި އެވޯޑެވެ.