ދިވެހި ޤައުމިއްޔަތު އޭގެ ހައްޤު މަޤާމަށް އިއާދަކުރުމަށްޓަކައި ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ދަރުމަވަންތަ ރަސްގެފާނު ރާއްޖޭގައި އިސްލާމީ ދައުލަތެއްގެ ބިންގާ އަޅުއްވައި ދިވެހިން އިސްލާމްދީން ޤަބޫލުކުރުމަކީ ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ހާދިސާ ކަމަށެވެ.
އަދި މި ބަދަލާއެކު ދިވެހިންގެ ވިސްނުމަށާއި، ބަހަށާއި، ދިރިއުޅުމުގެ އާދަކާދަތަކަށް ހެޔޮ އަސަރުތަކެއް ކޮށް، އިސްލާމީ ދިވެހި ސަޤާފަތެއް އުފަންވިކަން ފާހަގަކުރައްވަމުން، ދިވެހި ޤައުމިއްޔަތުގެ މައިގަނޑު ބިންގަލަކީ އިސްލާމްދީން ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ހީނާ އިތުރަށް ވިދާޅުވީ، އާކިއޮލޮޖިކަލް ދިރާސާތަކުން ރާއްޖެއަކީ އެތައް ހާސް އަހަރެއްވީ ގަދީމީ ދައުލަތެއްކަން އެނގޭއިރު، ދިވެހި ޝަހުސިއްޔަތު ދެމެހެއްޓުމަށްޓަކައި އިތުރު ދިރާސާތައް ކުރުމަށް ޤާބިލު ދިވެހިން ބިނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި ރާއްޖެ މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮތުމުގެ އެންމެ ބޮޑު ސިއްރަކީ އިސްލާމްދީން ކަމަށްވާތީ، ޤައުމީ އަބްޠާލުންވެސް ޤުރުބާންވެވަޑައިގަތީ އެ މާތް ދީނަށްޓަކައި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
އެހެންކަމުން، ހުޅުވިފައިވާ މިޒަމާނުގައި ހުރި ނުރައްކާތަކުން ރައްކާތެރިވެ، ދިވެހިންގެ ހިތްތަކުގައި އިސްލާމްދީން ދެމެހެއްޓުމަށާއި، ޤައުމިއްޔަތުގެ ސިފަތައް އާލާކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ސަރުކާރުން އިސްކަންދީގެން މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ހީނާ ވަލީދު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު