ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރޭ ތާރީޚީ މުނާސަބަތާ ގުޅުވައިގެން، ޚާއްޞަ ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވައިފިއެވެ.
އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއާއި އެކްސެލް އިންޓަރނޭޝަނަލް ސްކޫލް ގުޅިގެން އިންތިޒާމުކުރި މި ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު 4:00 އިން 6:00 އަށް، އިސްލާމީ މަރުކަޒުގެ ޖުމްހޫރީ މައިދާން ފަރާތު މާބްލް ސަރަޙައްދުގައެވެ.
ކުޑަކުދިން ޝައުޤުވެރިވާނެ ފަދަ ގިނަ ސްޓޯލްތަކަކާ އެކު ކުރިއަށްގެންދިޔަ މި ހަވީރުގައި، އިސްލާމްދީނުގެ ރުކުންތަކާއި ރިވެތި އަޚްލާޤާ ގުޅޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން؛ މޫނުގައި ކުލަޖެއްސުމާއި، ހީނާފަތް އެޅުމާއި، އަދި ތަފާތު ކުޅިވަރުތަކާއި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިމެނެއެވެ.

މީގެއިތުރުން، ކުދިންގެ ދީނީ ހުނަރުތައް އިތުރުކުރުމަށްޓަކައި ޤުރްއާނާއި މަދަޙަ ކިޔުމުގެ ހަރަކާތެއް ބާއްވާފައިވާއިރު، މި ހަރަކާތްތަކުގައި ބައިވެރިވި ކުދިންނަށް ޚާއްޞަ ހަދިޔާތަކާއި ބެޖުތައް ވެސް ވަނީ ދީފައެވެ.
މި ހަރަކާތުގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގެ އިސްލާމީ ވަޙްދަތާއި ޤައުމީ އަސާސްތައް ދަމަހައްޓައި، ޅަފަތުއްސުރެ ދަރިވަރުންގެ ހިތްތަކުގައި މާތްވެގެންވާ އިސްލާމްދީނަށް އޮންނަ ލޯތްބާއި ޤަދަރު އިތުރުކުރުމެވެ.










ކިޔުންތެރިންގެ ހިޔާލު