އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ބާއްވާ ޖަމިއްޔާތަކުގެ އަހަރީ ބައްދަލުވުން 2026 ފަށައިފިއެވެ. މިއަދު ހެނދުނު ބޭއްވުނު މި ބައްދަލުވުން ފެށުމުގެ ޚާއްޞަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ، އިސްލާމީ ދައުވަތުގެ މަސައްކަތް މުޅި ރާއްޖޭގައި ކުރެވޭނީ އެއްބަޔަކު އަނެއްބަޔަކާ ގުޅިގެންކަން ފާހަގަކުރައްވާފައެވެ. އަދި އިސްލާމީ ދައުވަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާ މިފަދަ ޒަމާނެއްގައި އެކުވެރިކަމާއެކު ކުރެވޭ މަސައްކަތްތައް ކާމިޔާބުވާނެ ކަމަށާއި، އެންމެންވެސް މީގެއިތުރުން އެއްބަޔަކު އަނެއްބަޔަކު ފުރިހަމަކޮށްދޭ ބަޔަކަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ފާއިތުވި ދެތިން އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ދާއިރާގައި މަސައްކަތްކުރާ ޖަމިއްޔާތަކާއެކު ވުޒާރާއިން ވަރަށް ގާތުން މަސައްކަތްކޮށްފައިވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ދީނީ ދައުވަތުގައި މަސައްކަތްކުރާ ޖަމިއްޔާތަކަށް އިސްލާމީ ސްޓޫޑިއޯތައް ގާއިމުކުރުމާއި ގުރުއާން ކުލާސްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދައިދިނުމަށް ފާއިތުވި ދެ އަހަރު ތެރޭ 1.2 މިލިއަން ރުފިޔާ ހޭދަކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހަރަކާތްތެރިކޮށް ހިނގާ ޖަމިއްޔާތަކަށް މާލީ ގޮތުން ދެމެހެއްޓެނިވި ވަސީލަތްތައް ގާއިމުކޮށްދިނުމަށް ވުޒާރާއިން މަސައްކަތް ކުރަމުންދާކަންވެސް ހާމަކުރެއްވިއެވެ.
“21 ވަނަ ޤަރުނުގައި އިސްލާމީ ދައުވަތު” މި މައުޟޫޢަށް އަލިއަޅުވާލުމަށް ހަމަޖެހިފައިވާ މިއަހަރުގެ ބައްދަލުވުމުގައި 53 ޖަމިއްޔާއަކުން 60 އަށްވުރެ ގިނަ މަންދޫބުން ވަނީ ބައިވެރިވެފައެވެ.











ކިޔުންތެރިންގެ ހިޔާލު