ކުޑަކުދީންނަކީ މާތްﷲ، އެ ކުދީންގެ މައިންބަފައިންނާ ޙަވާލުކުރައްވައިފައިވާ އަގުހުރި އަމާނާތެއް ކަމަށާއި، ހުރިހައި ޙާލެއްގައި، އަދި ހުރިހައި ވަގުތެގައިމެ މި މަތިވެރި އަމާނާތަށް ރައްކައުތެރިވުން މައިންބަފައިންނާއި މުޅި މުޖުތަމަޢުގެ މައްޗަށް ވާޖިބުވެގެންވާކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
“ކުޑަކުދީންގެ ޙައްޤުތައް” މި މަޢުޟޫއަށް މުޅި ރާއްޖޭގައި ދިން ޚުޠުބާގައި ބުނީ، ކުޑަކުދީންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ މުޢާޙަދާތަކާއި ޤާނޫނުތައް ވުޖޫދަށް އައުމުގެ މާކުރީން، މާތް ﷲ އެކަލާނގެ ޝަރީޢަތުގައި ކުޑަކުދީންގެ ޙައްޤުތައް އެންމެ ފުރިހަމައަށް ރައްކާތެރިކޮށްދެއްވައިފައިވާ ކަމަށެވެ.
ކުޑަކުދީންނަކީ އަހަރެމެންގެ ލޮލުގެ ފިނިކަން ކަމަށާއި، އެ ކުދީންގެ ހިނިތުންވުންތަކަކީ އިންސާނީ ހިތްތަކަށް އުފާވެރިކަން ގެނެސްދޭ އަދި މޫނުތަކަށް އުޖާލާކަން ގެނެސްދޭ ހިނިތުންވުން ތަކެއްކަމަށްވެސް ޚުޠުބާގައި ބުންޏެވެ.

“ކުޑަކުދީންނަށް ލިބިދޭންވާ ޙިމާޔަތާއި ރައްކާތެރިކަން އެންމެ ފުރިހަމައަށް ލިބޭނީ ހަރުދަނާ ޢާއިލާއެއްގެ ތެރެއިންނެވެ. އަދި އެފަދަ ޢާއިލާތަކެއްގެ މައްޗަށް ބިނާވެފައިވާ މުޖުތަމަޢަކުންނެވެ. އެހެންކަމުން ޢާއިލާއެއް ބިނާކުރުމުގައި މާތް ނަބިއްޔާ صلى الله عليه وسلم ގެ އިރުޝާދުތަކަށް ބޯލަނބާށެވެ! ޢާއިލާއެއްގެ ތެރެއަށް ކުއްޖަކު އުފަންވުމުން، އެ ކުއްޖާއަށް ރިވެތި ނަމެއް ކިޔުމަކީ، ކުއްޖާގެ ޙައްޤުތަކުގެ ތެރޭގައިވާ ކަމެކެވެ.” ޙުޠުބާގައި ބުންޏެވެ.
ކުޑަކުދީންނަށް ލިބިދޭންޖެހޭ ޙައްޤުތަކުގެތެރޭގައި އަނިޔާވެރިކަމާއި، ތަފާތުކުރުންތަކާއި، ގަނާކުރުން ފަދަ ކަންކަމުން އެ ކުދީން ރައްކާތެރިކުރުން ހިމެނޭކަމަށް ޚުޠުބާގައި ބުންޏެވެ.
ތަރުބިޔަތުގައި ޢިލްމާއި އަޚުލާޤު މުހިންމުވާފަދައިން ރޫޙާނިއްޔަތުގެ ބޭނުންވެސް ނުހަނު ބޮޑު ކަމަށާއި، ރޫޙާނިއްޔަތުގެ އަސާސަކީ ތިބާއާއި ތިބާގެ ވެރި ރަސްކަލާނގެއާ އޮންނަ މަތިވެރި ގުޅުމެއް ކަމަށްވެސް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، ފަރުޟު ފަސް ނަމާދު ފަދަ ދީނީ ޝިޢާރުތަކަށް ދަރީން އަހުލުވެރިކޮށް، އެ ކަންކަމަށް ރައްކާތެރިވުމަށް ހޭނުވުމަކީ މައިންބަފައިންގެ ވާޖިބެއްކަމަށެވެ. އަދި އެ ކަމަށް ޓަކައި އަދަބުދޭންޖޭހޭ ޙާލަތްތަކުގައި އަދަބުދީގެން ވެސް އެ ކަންކަންކުރުވާން ވާނޭކަމަށްވެސް ޚުޠުބާގައި ބުނެފައިވެއެވެ.
“ކުޑަކުދީންނަކީ މާތް ރަސްކަލާނގެ ދެއްވި އަގުހުރި ހަދިޔާއެކެވެ. އެކަލާނގެ ރިޢާޔަތުގެ ދަށުގައިވާ ޠާހިރު ނަފުސުތަކެކެވެ.” ޚުޠުބާގައި ބުންޏެވެ.
ކުޑަކުދީންނަށް އިހުމާލުވެ، އެއްވެސް ރަޙުމެއް ހަމްދަރުދީއެއް ނެތި އެ ކުދީންނަށް ލާއިންސާނީ އަނިޔާތައްކުރާ މީހުން އަހަރެމެންގެ މުޖުތަމަޢުގައި އުޅޭކަމީ ހިތާމައެއް ކަމަށް ޚުޠުބާގައި ބުންޏެވެ.
ޚުޠުބާގައި ބުނީ، މި ފަދަ މީހުންގެ ތެރޭގައި އެ ކުދީންނަށް އެންމެ ބޮޑަށް އަޅައިލުމާއި އޯގާތެރިކަން ދިނުން ލާޒިމުވާ އެ ކުދީންގެ މައިންބަފައިން ހިމެނޭކަމީ ވަރަށް ހިތާމަހުރި އަދި އެހައިމެ ހިތްދަތިވާ ކަމެއްކަމަށެވެ.
ޚުޠުބާ ނިންމާލަމުންވަނީ، ކުޑަކުދީންނަށް އިހުމާލުވެ އަނިޔާވެރިވާ އެފަދަ ފަރާތްތަކަށް އިސްލާމީ ޝަރީޢަތާއި ރާއްޖޭގެ ޤާނޫނުތަކުގައިވާ އެންމެ ހަރުކަށި އަދަބުދިނުމަށް ކަމާ ބެހޭ މުއައްސަސާތަކަށާއި، މަސްއޫލުވެރި އެންމެހައި ފަރާތްތަކަށް އިލްތިމާސްކޮށްފައެވެ.










ކިޔުންތެރިންގެ ހިޔާލު