އެމްޑީޕީގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހިސާން ހުސައިން، އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފިއެވެ.
އޭނާ އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި، އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދަށް ވަނީ އިސްތިއުފާގެ ސިޓީ ފޮނުއްވާފައެވެ.
ހިސާން ފޮނުއްވި ސިޓީގައި ވިދާޅުވެފައިވާ ގޮތުގައި، އެމްޑީޕީގެ އަސާސީ ގަވާއިދު މިހާރު އޮތް ގޮތުން ޕާޓީގެ ނައިބު ރައީސްގެ މަގާމަކީ އާންމު މެންބަރުންގެ ސީދާ ވޯޓަކުން އިންތިހާބުކުރާ މަގާމެއް ނޫނެވެ. އެއީ ޕާޓީގެ ރައީސްގެ ހުށަހެޅުއްވުމަށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އައްޔަންކުރާ މަގާމެކެވެ.

އެހެންކަމުން، އޭނާގެ މަގާމުގެ ހައިސިއްޔަތާއި މެންޑޭޓް ގުޅިފައިވަނީ ނަން ހުށަހެޅުއްވި ޕާޓީގެ އޭރުގެ ރައީސް އަބްދުﷲ ޝާހިދުގެ މެންޑޭޓާ ކަމަށް ހިސާން ވިދާޅުވިއެވެ. ޕާޓީގެ ރައީސް މަގާމުން އިސްތިއުފާ ދެއްވުމުން، ޑިމޮކްރަސީގެ ރިވެތި އުސޫލުތަކާއި ހަމަތަކަށް ރިއާޔަތްކުރާއިރު، އާ މެންޑޭޓެއް ނެތި ނައިބު ރައީސްގެ މަގާމުގައި ދެމިހުރުމަކީ ޑިމޮކްރަސީގެ އަސާސްތަކާ އެކަށީގެންވާ ކަމެއް ކަމަށް ނުދެކޭ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ހިސާން އެމްޑީޕީގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރީ 2024 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ. އެ މަގާމަށް އޭނާ އައްޔަންކުރީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ޝިފާޒު މަގާމުން އިސްތިއުފާ ދެއްވައި ޕާޓީން ވަކިވެވަޑައިގަތުމާ ގުޅިގެންނެވެ.
ރަސްމީ މަގާމެއްގައި ނެތް ކަމުގައި ވިޔަސް، ޕާޓީގެ އާންމު މެންބަރެއްގެ ހައިސިއްޔަތުން އެމްޑީޕީގެ ކުރިއެރުމަށާއި ޕާޓީއަށް ހިދުމަތްކުރުމުގައި އަބަދުވެސް ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ހިސާން ވަނީ ޕާޓީގެ ލީޑާޝިޕަށާއި މެންބަރުންނަށް އަރުވާފައެވެ. އަދި މަގާމުގައި ހިދުމަތްކުރުމަށް ލިބުނު ފުރުސަތުގައި ޕާޓީގެ އެންމެހައި ފަރާތްތަކުން ދެއްވި އެއްބާރުލުމަށް އޭނާ އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ހިސާން އިސްތިއުފާ ދެއްވާފައި މިވަނީ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވުމަށްޓަކައި އެމްޑީޕީގެ ރައީސް ކަމުން އަބްދުﷲ ޝާހިދު ދާދި ފަހުން އިސްތިއުފާ ދެއްވައި، ރަސްމީކޮށް ކެމްޕޭން ފައްޓަވާފައި ވަނިކޮށެވެ. މީގެ އިތުރުން، ޝާހިދުގެ ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުގައި ހުންނެވި އަހުމަދު އަބްދުﷲ ވެސް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު