ފަތުރުވެރިކަމުގެ ދާއިރާގެ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށާއި ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ފުޅާކުރުމުގެ މަގުސަދުގައި ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީން އިސްވެ ހުންނަވައިގެން ރާއްޖޭގެ މަތީ ފަންތީގެ ވަފުދެއް ރަޝިޔާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފި އެވެ.
މި އޮގަސްޓް މަހުގެ ސާދަވަނަ ދުވަހުން ފެށިގެން އެކާވީސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ފަސް ދުވަހުގެ ދަތުރުފުޅުގައި ރަޝިޔާގެ މޮސްކޯ އަދި ސެންޓް ޕީޓަސްބާގުގައި މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ދަތުރުފުޅު ކުރިއަށްދާނީ ރަޝިޔާގެ މޮސްކޯއާއި ސެންޓް ޕީޓަސްބާގުގައެވެ.

ޓޫރިޒަމް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މި ވަފުދުގައި ޓޫރިޒަމް މިނިސްޓްރީ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، ޤައުމީ އެއާލައިން މޯލްޑިވިއަން އަދި ފަތުރުވެރިކަމުގެ ސިނާއަތުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރަޝިޔާ ސަރުކާރުގެ އިސް ވެރިންނާ ބައްދަލުކުރައްވައި ދެޤައުމުގެ ދެމެދުގައި ފްލައިޓް ދަތުރުތައް އިތުރުކުރުމާއި ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ގުޅުންތައް ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށްވެސް މިނިސްޓްރީން ބުންޏެވެ.
މި ދަތުރުފުޅާ ގުޅޭގޮތުން މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވީ ރަޝިޔާއަކީ އަބަދުވެސް ރާއްޖޭގެ ގާތް އެކުވެރިއެއް ކަމަށާއި ރާއްޖެ ޚިޔާރުކުރާ ކޮންމެ ފަތުރުވެރިއަކަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މި ދަތުރަކީ ޕާޓްނަރުންގެ އަޑުއަހައި، ދިވެހިރާއްޖެއަށް އަންނަ މެހެމާނުންނާ އޮތް ގުޅުން ދަމަހައްޓައި، ވިޒިޓް މޯލްޑިވްސް އިޔާ ދެހާސް ސަތާރީސް އަހަރަށް އެކުގައި ތައްޔާރުވުމަށް ކުރެވޭ ދަތުރެއް ކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ރަޝިޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ހިއްސާއެއް އޮންނަ މާކެޓެކެވެ. އެގޮތުން މި މަހުގެ ބާރަވަނަ ދުވަހުގެ ނިޔަލަށް ރަޝިޔާއިން އެއްލައްކަ ނަވާވީސްހާސް ހަތަރުސަތޭކަ ފަންސާސްތިން ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ ސޯދަ އިންސައްތައެވެ. މި އަދަދާއެކު ރަޝިޔާ އޮތީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު މާކެޓުގެ ގޮތުގަ އެވެ. މިދިޔަ އަހަރު ރަޝިޔާއިން ދެލައްކަ ހަތްދިހަ އަށްހާސް ހަތްސަތޭކަ ފަސްދޮޅަސްއެކު ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެ އެވެ.
ދަތުރުފުޅުގެ ތެރެއިން މޮސްކޯ އާއި ސެންޓް ޕީޓަސްބާގުގެ އިސް ޓުއާ އޮޕަރޭޓަރުންނާއި، ޓްރެވަލް ޓްރޭޑް ޕާޓްނަރުންނާއި، ޑިޖިޓަލް ޕްލެޓްފޯމްތަކާއި އަދި ހޮސްޕިޓާލިޓީ ކުންފުނިތަކާއެކު މަތީ ފަންތީގެ ބައްދަލުވުންތަކެއް ބާއްވާނެ އެވެ. މީގެ އިތުރުން ރަޝިޔާގެ ޓްރެވަލް ޓްރޭޑާއި މީޑިއާ ބައިވެރިވާ ގޮތަށް ދެ ނެޓްވޯކިންގ އިވެންޓެއް ވެސް ބޭއްވުމަށް ހަމަޖެހިފައިވެ އެވެ.
މި ހަރަކާތްތަކަކީ ކުރިއަށް އޮތް ޓްރެވަލް ސީޒަނަށާއި ވިޒިޓް މޯލްޑިވްސް އިޔާ ދެހާސް ސަތާރީސް އަހަރަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށްގެންދެވޭ ހަރަކާތްތަކެކެވެ.








ކިޔުންތެރިންގެ ހިޔާލު