ނިމިދިޔަ ސަރުކާރުގައި ކުންފުނިތަކުން ވަޒީފާ ދިނުމުގެ ސަބަބުން މަސްވެރިކަމުގެ ސިނާއަތުގައި އުޅޭ މީހުން މަދުވެފައިވާ ކަމަށާއި، މިކަން ހައްލުކުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ގެނެސްދޭ “ދަ ޕަލްސް” ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، މަސްވެރިންގެ އަދަދު މަދުވިކަން ފާހަގަކުރެވުނު ނަމަވެސް، މިހާތަނަށް އެކަމާ ގުޅޭ ރަސްމީ ސާވޭއެއް ކުރެވިފައިނުވާ ކަމަށެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި މި އަދަދުތައް ދެނެގަތުމަށް ޚާއްޞަ ސާވޭއެއް ކުރުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މަސްވެރިކަން ކުރާ މީހުންގެ އަދަދު މަދުވުމުގެ މައިގަނޑު ސަބަބަކީ ނިމިދިޔަ ސަރުކާރުގައި ދައުލަތުގެ ކުންފުނިތަކުން، ޚާއްޞަކޮށް ފެނަކައިން ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ދިނުމެވެ. ރަށުގައި ތިބެގެން ފަސޭހައިން އާމްދަނީ ލިބޭނެ މަގު ތަނަވަސްވުމުން، މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރަމުން ދިޔަ އެތައް ބަޔަކު އެ ވަޒީފާތަކަށް ވަދެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އައިސް، ރަށްރަށުގައި ދުއްވާ މަސްދޯނިތަކުގެ އަދަދު ވަނީ ކުރިޔަށްވުރެ މަދުވެފައެވެ.
ސަރުކާރުގެ އިގުތިސާދީ ސިޔާސަތުގެ ދަށުން ކުންފުނިތައް ހަމަޔަކަށް އެޅުވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަން ރައީސް ހާމަކުރެއްވިއެވެ. އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި ކުންފުނިތަކަށް މީހުން ވައްދައިގެން ތިބުމުގެ ބަދަލުގައި، ސަރުކާރުން ގެންގުޅޭ ވަށައިޖެހޭ އިގުތިސާދީ ސިޔާސަތުގެ ސަބަބުން މަސްވެރިކަމާއި އަމިއްލަ ވިޔަފާރިތަކަށް ޒުވާނުން ނުކުތުން އިތުރުވެގެންދާނެއެވެ. އަދި މީގެ ސަބަބުން ގައުމުގެ އުފެއްދުންތެރިކަން އިތުރުވެ، މުޅި އިގުތިސާދަށް އޭގެ ހެޔޮ އަސަރު ކުރާނެ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.










ކިޔުންތެރިންގެ ހިޔާލު