އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގައި ދިވެހިރާއްޖެއިން މިއަދު ވަނީ، ފަލަސްތީނުގެ ބިންތަކުގައި އިސްރާއީލުން ހިންގަމުންދާ އިންސާނީ ހައްގުތަކާ ހިލާފު އަމަލުތަކަށް އެ ގައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ހަރުކަށި އިބާރާތުން ގޮވާލާފައެވެ.
ޖެނީވާގައި ކުރިއަށްދިޔަ އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ މަޖިލީހުގެ 62 ވަނަ ސެޝަންގައި ރާއްޖޭގެ ފަރާތުން ބަޔާން އިއްވައިދެއްވީ ޖެނީވާގައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު އެމްބަސެޑަރު ޑރ. ސަލްމާ ރަޝީދެވެ. މި ބަޔާން އިއްވާފައިވަނީ ފަލަސްތީނުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ މިނިވަން ބައިނަލްއަގުވާމީ ކޮމިޝަން އޮފް އިންކުއަރީއާއެކު ބޭއްވި ބަހުސްގައެވެ.
ޑރ. ސަލްމާ ދެއްވި ބަޔާނުގައި، އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަސްކަރީ ހަރަކާތްތަކާއި، އިންސާނީ އެހީ ފޯރުކޮށްދިނުމަށް އަޅަމުންދާ ހުރަސްތައް ދިވެހި ސަރުކާރުގެ ނަމުގައި ވަނީ ކުށްވެރިކުރައްވާފައެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ގާނޫނުތަކުގެ ދަށުން އިސްރާއީލުން އުފުލަންޖެހޭ ޒިންމާތަކަށް ފުރިހަމައަށް ބޯލެނބުމަށާއި، އާންމު ރައްޔިތުންނާއި އާންމުން ދިރިއުޅޭ ތަންތަނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ރާއްޖެއިން ގޮވާލާފައިވެއެވެ. އަދި އެއްވެސް ހުރަހެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި އިންސާނީ އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު ދިނުމަށްވެސް ބާރުއަޅާފައިވެއެވެ.
އިސްރާއީލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވަމުންދާއިރު، އެއްވެސް އަދަބެއް ނުލިބި ސަލާމަތްވުމުގެ ސަގާފަތް ނިމުމަކަށް ގެނެސް، އެގައުމު ޖަވާބުދާރީކުރުވުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރަންޖެހޭކަން ރާއްޖޭގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި އަދި ސުލްހަވެރި ހައްލެއް ހޯދުމަށް ބޭނުންވާ މާހައުލެއް ގާއިމުކުރުމަށް ގޮވާލައި، ފަލަސްތީނުގެ ރައްޔިތުންގެ އަމިއްލަ އިޚުތިޔާރުގައި ގޮތް ނިންމުމުގެ ހައްގަށް އިހުތިރާމްކުރުމަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ. އަދި 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާވެފައިވާ، އިރުމަތީ ގުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ، މިނިވަން ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރުމަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެކަމުގެ ޔަގީންކަން ދީފައިވެއެވެ.










ކިޔުންތެރިންގެ ހިޔާލު