ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޗެއާޕާސަން ހޮވުމަށް މިއަދު ބޭއްވި އެތެރޭގެ އިންތިހާބުގައި، ޒުވާން ލީޑާޝިޕެއްގެ ތަސައްވުރާއެކު ނުކުންނެވި މީކާއީލް އަހުމަދު ނަސީމާ ވާދަކުރައްވައި ބޮޑު ތަފާތަކުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމު ކާމިޔާބުކުރައްވައިފިއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިހާބުގައި ޖުމްލަ 48،912 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 240 ވޯޓު ފޮށި އަދި ސްރީލަންކާގައި އެއް ވޯޓު ފޮށި ބަހައްޓާފައިވެއެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ރަސްމީކޮށް ޕާޓީން އިއުލާނުކޮށްފައި ނުވި ނަމަވެސް، މިހާތަނަށް ގުނާފައިވާ ފޮށިތަކުގެ ނަތީޖާއިން ދައްކާ ގޮތުގައި ކުރީގެ ރައީސް ނަޝީދު ވަނީ ވަރަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މިރޭ އާޓިފިޝަލް ބީޗަށް އެއްވުމަށް އެމްޑީޕީގެ އާންމު މެމްބަރުންނަށް ނަޝީދު ވަނީ ދައުވަތު އަރުވާފައެވެ.
ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައި މިވަނީ، މިދިޔަ ރިޔާސީ އިންތިހާބުގެ ކުރިން އެ ޕާޓީގެ އެތެރޭގައި އުފެދުނު ހިޔާލުތަފާތުވުންތަކާ ގުޅިގެން ޕާޓީ ދޫކުރައްވައި ދަ ޑިމޮކްރެޓްސް އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަތުމަށް ފަހުގައެވެ. މި ފަހަރުގެ އިންތިހާބުގައި އެ މަނިކުފާނާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީމް އިންތިހާބަށް ނުކުންނެވީ ޒުވާން ލީޑާޝިޕެއްގެ ތަސައްވުރަކާއެކުގައެވެ.
“ބޮޑު ބަދަލު” ގެ ނަމުގައި ނަޝީދު ކުރިއަށްގެންދެވި ވަރުގަދަ ކެމްޕޭނަކީ، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލާ ގުޅިވަޑައިގެން، ޕާޓީ އަލުން ވަރުގަދަކުރުމުގެ ވައުދާއެކު ކުރިއަށްގެންދެވި ހަރަކާތެކެވެ. މި ދެ ބޭފުޅުން ހާމަކުރައްވާފައިވާ ގޮތުގައި، ނަޝީދު ޗެއާޕާސަންކަމަށް ވާދަކުރެއްވުމުގެ މައިގަނޑު މަގުސަދަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ފައްޔާޒު ނެރުއްވައި، ޕާޓީއަށް އަލުން ވެރިކަން ހޯދައިދިނުމެވެ.
މީގެ އިތުރުން، ފައްޔާޒުގެ ވެރިކަމެއްގައި ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ވަނީ ރާވާފައެވެ. މިގޮތުން، ދައުލަތުގެ އެންމެ މަތީ ވެރިޔާއާއި ސަރުކާރު ހިންގުމުގެ ވެރިޔާ އަކީ ތަފާތު ދެ މަގާމަކަށް ހަމަޖައްސައި، ބަރުލަމާނީ ނިޒާމުގެ އާންމު އުސޫލާ ހިލާފަށް އެ ދެ މަގާމަށް ވެސް ރައްޔިތުންގެ ސީދާ ވޯޓުން ބޭފުޅުން އިންތިހާބުކުރާ ގޮތަށް ހަމަޖެއްސުމަށް އެ ބޭފުޅުން ވަނީ ހުށަހަޅުއްވާފައެވެ. އަދި ސަރުކާރު ހިންގާ ވެރިއަކަށް ފައްޔާޒު ގެނައުމަށް ތާއީދުކުރައްވާނެކަމަށާއި، ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމަށް ޝައުގުވެރިވެވަޑައިގަންނަވާކަން ނަޝީދު ވަނީ ހާމަކުރައްވާފައެވެ.










ކިޔުންތެރިންގެ ހިޔާލު