މޫސުމަށް އަންނަ ބަދަލުތަކާއެކު ދުނިޔޭގެ އިޤުތިޞާދު ނާޒުކު ފައްތަރެއްގައި އޮތް މި ދަނޑިވަޅުގައި، ދިވެހީންގެ އެންމެ ބޮޑު ރައުސުލްމާލު ކަމުގައިވާ ކަނޑުގެ ފުރިހަމަ ނަފާ ހޯދުމަށް އީޖާދީ ގޮތްތަކެއް ހޯދުމަށް، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ގޮވާލައްވައިފިއެވެ.
ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ވަޒީރު ފޮނުއްވެވި މެސެޖުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ކަނޑުމަހުގެ މަސްވެރިކަމަށް ދަނީ ބޮޑެތި އަސަރުތަކެއް ކުރަމުންނެވެ. އެގޮތުން 2024 ވަނަ އަހަރު ދިވެހިރާއްޖެ ހިމެނޭ ސަރަޙައްދުގެ އިންޑިއާ ކަނޑުގެ އުފެއްދުންތެރިކަން ދަށްވެ، ކަޅުބިލަމަހުގެ މަސްވެރިކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަން ފާހަގަކުރެއްވިއެވެ. ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ކަނޑުމަހުގެ ބާވަތްތައް ފުން ހިސާބުތަކަށާއި ދުރު ސަރަޙައްދުތަކަށް ހިޖުރަކުރުމުގެ ނަތީޖާއަކީ، ކަނޑުގެ މަތީ ފަށަލައިން ކުރާ ދޮށީގެ މަސްވެރިކަމަށް ހުރަސްއެޅި، މަސްވެރިކަމުގެ މޫސުން ދިގުލައިގެން ދިއުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.
މިފަދަ ގޮންޖެހުންތަކާއެކު ސަރުކާރުގެ އަމާޒަކީ ކަނޑުތަކާ ބެހޭގޮތުން އިތުރު ދިރާސާތައްކޮށް، ކަނޑުގެ އަޑީގައިވާ ވަސީލަތްތައް ދެނެގަނެ، ދެމެހެއްޓެނެވި ގޮތެއްގައި އިޤުތިޞާދު ސިންދަފާތުކުރުން ކަމަށް ވަޒީރު ޝިޔާމް ހާމަކުރެއްވިއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ސަރުކާރުގެ އަމާޒަކީ ދިވެހިން ބާނާ މަހަށް އަގުއެއްކުރުމާއެކު، އެކުއަކަލްޗަރ ފުޅާކޮށްގެން ކަނޑުން ލިބޭ މަންފާ އެތައް ގުނައަކަށް އިތުރުކުރުމެވެ.
ފާއިތުވި އަހަރު ރާއްޖެއަށް ސީވީޑް އެކުއަކަލްޗަރ ތަޢާރަފުކުރެވި، މިއަހަރު އޭގެ ފުރަތަމަ ޝިޕްމަންޓް ވަނީ ރާއްޖެއިން ބޭރުކޮށްފައެވެ. މި ކާމިޔާބީއާއެކު އިތުރު ދެ ކުންފުންޏަކުން މި ސިނާޢަތަށް އިންވެސްޓުކޮށް މަސައްކަތް ފަށާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ކާބޯތަކެއްޗާބެހޭ ޖަމުޢިއްޔާގެ އެހީގައި ސީވީޑުން އުފެއްދުންތައް ތައްޔާރުކުރުމަށް އައު މަޝްރޫޢަކަށް ހުއްދަ ލިބިފައިވާއިރު، މިކަމުގެ ސަބަބުން އަތޮޅުތެރޭގައި ވަޒީފާގެ ފުރުޞަތުތައް އިތުރުވެގެންދާނެއެވެ. އަދި ހަމައެހެންމެ، ކަނޑުގެ ނަފާ ހޯދުމަށް ޖަޕާނު ސަރުކާރުގެ އެހީގައި އިތުރު މަޝްރޫޢެއް އެކުލަވާލުމުގެ މަޝްވަރާތައް ދަނީ ކުރިއަށެވެ.










ކިޔުންތެރިންގެ ހިޔާލު