ބުޅާ ގެންގުޅުމަށް ޚާއްޞަކޮށްގެން 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ޝިޔާމް ވިދާޅުވީ މާލެ ސަރަޙައްދުގައި ދިމާވެފައިވާ ބުޅަލުގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޤާއިމުކޮށްފައިވާ "އޮޅުހިޔާ" ގެ ޖާގަ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ.  މިވަގުތު އެ މަރުކަޒުގައި 280 ބުޅާ ބަލަހައްޓަމުން އަންނައިރު މިހާރު ކުރިއަށްދާ އެކްސްޓެންޝަން މަސައްކަތްތައް ނިމުމުން އެތަނުގައި 500 އެއްހާ ބުޅާ ގެންގުޅެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މަގުމަތީގައި ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ކަންބޮޑުވުންތައް އިންތިހާއަށް އެބައޮތްކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އޮޅުހިޔާގެ ޖާގަ އިތުރުކުރެވިގެން ދިޔުމަކީ މި މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށާއި، އެތަނަކީ ބުޅަލަށް ބޭނުންވާ ފަރުވާއާއި އެންމެހައި ރައްކާތެރިކަން ފޯރުކޮށްދެވޭނެ ފުރިހަމަ ފެސިލިޓީއަކަށް ހެދުމަކީ ސަރުކާރުގެ މައިގަނޑު އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

މިފަދަ ކަންކަމަކީ ބޮޑު ޚަރަދެއް ހިނގާ ކަންކަން ކަމުގައި ވާތީ ރާއްޖޭގައި 'ކެޓް އައިލެންޑް' އެއް ތަރައްޤީކުރުމަށް ބައެއް ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކޮށް ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެ ޕްރޮޕޯސަލްތައް އިވެލުއޭޓްކުރުމުގެ މަރުޙަލާ ކަމަށްވެސް ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ރާއްޖޭ ފަދަ ޤައުމެއްގައި މި ފަދަ އައިލެންޑެއް ޒަމާނީ ފެސިލިޓީތަކާއެކު ހިންގިއްޖެނަމަ މިއީ އިންޓަރނޭޝަނަލް ކޮމިއުނިޓީއަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމަކަށް ވާނެ.

މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.

މާލެ ސަރަހައްދުގެ މަގުމަތީގައި ބުޅާތައް ގިނަވުމުގެ މައްސަލައަށް ހައްލެއް ގެނައުމަށް ގާއިމްކުރި އޮޅުހިޔާ ހުޅުއްވައި ދެއްވީ 2024 ވަނަ އަހަރުގެ ނޮވެމްބަރު 2 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މިތަން ހުޅުވާފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައެވެ.