އަޟްހާ ޢީދު ނަމާދާއި ގުޅިގެން އެމްޓީސީސީގެ ބަސް ދަތުރުތަކަށް ބަދަލު ގެނެސްފައިވާ ކަމަށް އެކުންފުނިން ހާމަކުރައްވައިފިއެވެ.
އެމްޓީސީސީން ވިދާޅުވީ އަޟްހާ ޢީދު ދުވަހު ގްރޭޓަރ މާލެ ސަރަހައްދުގައި އާރްޓީއެލް ބަހުގެ ޚިދުމަތް ފަށާނީ ހެނދުނު 8:00 ޖަހާއިރުއެވެ. ނަމަވެސް ދަތުރުވެރިންނަށް ފަސޭހަކުރުމުގެ ގޮތުން މާލެއިން އެއަރޕޯޓަށް، ހުޅުމާލެ ފޭސް 1 އިން އެއަރޕޯޓަށް އަދި ހުޅުމާލެ ފޭސް 2 އިން އެއަރޕޯޓަށް ހެނދުނު ދަތުރުކުރުމަށް ނިންމާފައިވާކަމަށެވެ.
އެގޮތުން ޢީދު ނަމާދުގެ ކުރިން ކުރާ ފުރަތަމަ ދަތުރު 5:30 އިން 6:05 އަށް އަދި ދެވަނަ ދަތުރު 6:00 އިން 6:35 އަށް އޮންނާނެކަމަށް އެމްޓީސީސީން ވިދާޅުވިއެވެ. މިދަތުރުތަކަށްފަހު މި ތިން ރޫޓުގެ ދަތުރުތައްވެސް ޢީދު ނަމާދަށް މެދު ކަނޑާލުމަށްފަހު ދެން ފަށާނީ ހެނދުނު 08:00 ޖަހާއިރު ކަމަށް އެމްޓީސީސީން ވިދާޅުވިއެވެ.
މީގެ އިތުރުން މާލެއާއި ވިލިމާލެއާއި ދެމެދު ފޯރުކޮށްދެމުންދާ ފެރީގެ ޚިދުމަތް ހެނދުނު 6:30 އިން 8:15 އާ ހަމަށް މެދު ކަނޑާލެވޭނެއެވެ. ޢީދު ނަމާދުގެ ކުރިން އެންމެ ފަހު ފެރީ އޮންނާނީ 6:30ގައެވެ. އަދި ޢީދު ނަމާދަށްފަހު ފުރަތަމަ ފެރީ ފަށާނީ ހެނދުނު 8:15 ގައެވެ.










ކިޔުންތެރިންގެ ހިޔާލު