އަމީނީ މަގު މަރާމާތު ކުރުމުގެ މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެެވެ.
މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1,924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްވެސް ނިމުމަކާ ގާތްވެ، މަގު ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް ދަނީ ވަމުންނެވެ.
މިމަހުގެ 4 ވަނަ ދުވަހު މަސައްކަތް ފެށި ސެގްމަންޓް 3 ގައި ހިމެނެނީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަޙައްދެވެ.މީގެކުރިން ވަނީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަޙައްދާއި، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ހިމެނޭ ސެގްމަންޓް 1 އަދި 2 ގެ މަސައްކަތް އެއްކޮށް ނިންމައި އާންމުންނަށް ހުޅުވާލާފައެވެ.
ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމުމާއެކު، ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސެގްމަންޓް 4 ގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެމްޓީސީސީން ފާހަގަކުރާ ގޮތުގައި، އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުން، މާލޭގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.