އަމީނީ މަގު މަރާމާތު ކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، އެ މަގުގެ ސެގްމަންޓް 3 ގައި ތާރު އެޅުމުގެ މަސައްކަތް މާދަމާ ފެށުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތައްޔާރުވެއްޖެއެވެ.
އެމްޓީސީސީއިން ބުނީ ސެގްމަންޓް 3 މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ތާރު އެޅުމުގެ ކުރިން އަޅަންޖެހޭ ކެމިކަލް ކޯޓިންގ ކަމަށްވާ "އެމް.ސީ-30 ޕްރައިމް ކޯޓު" އެޅުމުގެ މަސައްކަތް މިހާރު ވަނީ ކާމިޔާބުކަމާއެކު އެއްކޮށް ނިންމާލާފައެވެ. އަދި ތާވަލާ އެއްގޮތަށް މާދަމާ، މި ސެގްމަންޓުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ. ތާރު އަޅައި ނިމުމާއެކު، ލަސްތަކެއް ނުވެ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަހުގެ 4 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި ސެގްމަންޓް 3 ގެ ސަރަޙައްދަކީ ޢިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ބައެވެ. މި ސެގްމަންޓުގެ މަސައްކަތުގެ ތެރޭގައި 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގައި ކުރިން އަޅާފައިވާ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އެޅުމާއި، ތާރު އެޅުމުގެ އިތުރުން މަގުމަތީގެ ނިޝާންތައް ކުރެހުން ހިމެނެއެވެ.
މި މަސައްކަތް ފެށުމަށް ހަމަޖެހިފައިވާތީ، މިރެއިން ފެށިގެން ސުނާމީ ބިނާއިން ސޯޝަލް ސެންޓަރާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުކުރެވޭނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ސަރަހައްދުގައި ޕާކުކޮށްފައިވާ އެންމެހައި އުޅަނދުތައް އެ ވަގުތުގެ ކުރިން ނެގުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތު ކުރުމުގެ މަސައްކަތުގެ ތެރެއިން ސެގްމަންޓް 1 (ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް) އަދި ސެގްމަންޓް 2 (ދިވެހިރާއްޖޭގެ އަޑު ކުރިމަތީ ހަތަރު އަނގޮޅި ކަންމަތި) ގެ މަސައްކަތް މީގެކުރިން ވަނީ ނިންމައި، އާންމުންނަށް ހުޅުވާލާފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، ސެގްމަންޓް 3 ގެ މަސައްކަތް ނިމުމުން، ދެން ފެށިގެންދާނީ ސެގްމަންޓް 4 ގެ މަސައްކަތެވެ. އެއީ ކޯރުކެނޑި ހިނގުމުން ފެށިގެން ޣިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮތް ސަރަޙައްދެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.