ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް، ސ. ހުޅުދޫ، ބަގީޗާގޭ އަޙްމަދު ޝަފްނީޒް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ.

މި މަގާމަށް ބޭފުޅަކު އައްޔަންކުރެއްވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ތިން ބޭފުޅެއްގެ ނަންފުޅު ފޮނުއްވެވިއެވެ. މި މައްސަލަ ދިރާސާކުރުމުގެ މަރުހަލާގައި މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ކުރިއަށްގެންދިޔަ އިންޓަވިއުއިން، ޝަފްނީޒް ވަނީ 96.20 އިންސައްތައިގެ މަތީ މާކްހެއް ހޯއްދަވާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ނެގުނު ވޯޓުގައި، ޝަފްނީޒް އެ މަގާމަށް އައްޔަންކުރުމަށް ފެންނަކަމަށް 55 މެންބަރުން ވޯޓު ދެއްވާފައިވެއެވެ.

އިޝްތިހާރު އިޝްތިހާރު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމު ހުސްވީ، ކުރިން އެ މަގާމުގައި ހުންނެވި ފާޠިމަތު އަމީޒާ، މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގައި ވާގޮތުގެ މަތިން، މީރާގެ ކޮމިޝަނަރ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނަރ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަންކުރައްވަނީ، އެ މަގާމުތަކަށް އާންމުކޮށް އިއުލާނުކުރުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވާ ނަންތަކަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެންނެވެ.