ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު 5 އެއާޕޯޓެއްގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށްދާކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތް ކުރިއަށްދާ ރަށްރަށާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫޢުތައް ނިންމުމަށްޓަކައި ކަނޑައެޅިފައިވާ ބަޖެޓަށްވުރެ އިތުރަށް ފައިސާ ބޭނުންވާނެކަމަށް ނުބެލެވެއެވެ. ނަމަވެސް، ލ. އިސްދޫ-ކަލައިދޫ މަޝްރޫޢު އަދި ކޮންޓްރެކްޓް ކުރެވިފައި ނުވާތީ، އެ މަޝްރޫޢަށް ބޭނުންވާ 600 މިލިއަން ރުފިޔާ މިހާރު ވަނީ ދައުލަތުގެ ބަޖެޓުގައި ހިމަނައި ހަމަޖައްސާފައެވެ.
އެ ވުޒާރާގެ ބެލުމުގެ ދަށުން ކޮންޓްރެކްޓް ކުރެވިގެން މިހާރު މަސައްކަތް ކުރިއަށްދާ 5 އެއާޕޯޓަކީ އައްޑޫ ގަން އެއާޕޯޓް، ހދ. މަކުނުދޫ އެއާޕޯޓް، ފ. މަގޫދޫ އެއާޕޯޓް، ރ. އަލިފުށީ އެއާޕޯޓް އަދި ލ. އިސްދޫ-ކަލައިދޫ އެއާޕޯޓެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކޮށް، އެއާޕޯޓްތައް ތަރައްޤީކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑު އަހައްމިއްޔަތުކަމެއް ދެއްވައިގެން ކުރިއަށްގެންދަވާ މަސައްކަތެކެވެ. އެގޮތުން، އެއާޕޯޓްތައް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށް މިއަހަރުގެ ދައުލަތުގެ ބަޖެޓުގައިވެސް ވަނީ 540 މިލިއަން ރުފިޔާ ކަނޑައަޅާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.