ގިރާވަރުފަޅުން ދޫކުރި ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދަޅުވީ، ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޭން ނިންމި 5،186 ގޯތީގެ ތެރެއިން 1،114 ގޯތި ގުޅިފަޅަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

"ކުރީ ސަރުކާރުން ދޭން ކަނޑައަޅާފައިވާ ގޯތީގެ އަދަދަކީ 5،186. އެއީ 170 ހެކްޓަރު. އެހެންކަމުން އެތަނަކީ އެންމެ އެކަށީގެންވާ ވަރަށް ދިރިއުޅުމުގެ މާހައުލެއް ގާއިމުވެފައިވާ ތަނެއް ކަމަށް ގަބޫލު ނުކުރެވޭތީ އެ ތަނުން 1،114 ގޯތި ގުޅިފަޅަށް ބަދަލުކޮށް 4،072 ގޯތި އެ ތަނުން ނަގައި އެގޮތަށް ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް މިހާރު ވަނީ ގެޒެޓް ކުރުމުގެ މަރުހަލާގައި،" މުއްތަލިބު ވިދާޅުވިއެވެ.

އިޝްތިހާރު އިޝްތިހާރު

ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަންނަ މަސް ނިމުމުގެ ކުރިން އަލުން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެ ތަނުން ގޯތި ލިބުނު މީހުންގެ މެދުގައި އަންނަ މަހު ގުރުނަގައި ބިން ހިއްކޭވަރަކުން ގޯތިތައް ހަވާލުކުރަމުންދާނެ ކަމަށް މުއްތަލިބު ވިދާޅުވިއެވެ.

ބިން ހިއްކަން ފަށާތާ ހަ މަސް ދުވަހުގެ ތެރޭގައި ގިރާވަރުން ގޯތި ލިބޭ އެންމެންނަށް ގޯތި ހަވާލުކޮށް ނިންމައިލެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.