ދިވެހިރާއްޖެ 2040 ވަނަ އަހަރާ ހަމައަށް ފުރިހަމައަށް ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ ލަނޑުދަނޑި ހާސިލުކުރުމަށްޓަކައި، ޔޫ.އޭ.އީގެ މަޝްހޫރު “އީގަލް ހިލްސް” ކުންފުންޏާއެކު ވެވުނު އެއްބަސްވުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.
މިއީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ހިންގޭ އެންމެ ބިޔަ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެއް މަޝްރޫއެވެ. މި އެއްބަސްވުމުގައި މަޝްރޫއުގެ މައިގަނޑު ތަސައްވުރާއި ވިޔަފާރީގެ އޮނިގަނޑު ކަނޑައަޅާފައިވާއިރު، މަސައްކަތް ކުރިއަށްދާ މިންވަރަކުން ތަފްސީލީ އެއްބަސްވުންތަކުގައި ސޮއިކުރެވެމުންދާނެއެވެ. އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ބޮޑު އިންގިލާބީ މަޝްރޫއުގެ ޖުމްލަ އަގު 20 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ. ބައިނަލްއަގުވާމީ ފަތުރުވެރިކަމާއި، ވޯޓަރފްރަންޓް އަދި މެރީނާ މަންޒިލެއްގެ ގޮތުގައި ތަރައްގީކުރާ މި މަޝްރޫއުގައި، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ހިދުމަތްތަކާއި، ޕްރީމިއަމް އަދި ބްރޭންޑެޑް ރެސިޑެންސްތަކާއި، ޒަމާނީ މެރީނާއެއް ހިމެނެއެވެ. މީގެ އިތުރުން މުނިފޫހިފިލުވުމާއި، ވިޔަފާރިކުރުމާއި، ކެއިންބުއިމުގެ ހިދުމަތްތަކުގެ އިތުރުން ފެންވަރު ރަނގަޅު ސިއްހީ އަދި ތައުލީމީ ހިދުމަތްތައް ހިމެނޭހެން، ފުރިހަމަ މުޖުތަމައަކަށް ބޭނުންވާ އެންމެހައި ވަސީލަތްތައް އެއްފުރާޅެއްގެ ދަށުން ގާއިމުކުރެވިގެންދާނެއެވެ.
ވަޒީރު ޑރ. މުއްތަލިބު ފާހަގަކުރެއްވި ގޮތުގައި، ‘ޑައުންޓައުން ދުބާއީ’ އާއި ‘ބެލްގްރޭޑް ވޯޓަރފްރަންޓް’ ފަދަ ދުނިޔޭގެ ނަން މަޝްހޫރު މަޝްރޫއުތައް ކާމިޔާބުކަމާއެކު ހިންގާފައިވާ މުހައްމަދު އަލައްބާރުގެ ޒައާމަތުގައި އީގަލް ހިލްސްއިން މި މަޝްރޫއުގައި ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ. މިއީ ދައުލަތުން އެއްވެސް ލޯނެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ، ދައުލަތަށް ސީދާ މާލީ މަންފާ ލިބޭނެހެން އެކުލަވާލާފައިވާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ މުހިންމު ބައެއް ފައިދާތައް:
އަހަރަކު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް އުފެއްދުން.
މަޝްރޫއުގެ މުއްދަތުގައި ރާއްޖެއަށް 30 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭރުގެ ސީދާ އިންވެސްޓްމަންޓް (އެފް.ޑީ.އައި) ވަނުން.
54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުސަތު އުފެދި، އެތައް ހާސް އާއިލާއަކަށް ބޯހިޔާވަހިކަން ފަހިވުން.
ދިވެހި ފަންނުވެރިންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވިގެންދިއުން.
މި މަޝްރޫޢާ ގުޅޭގޮތުން އީގަލް ހިލްސްގެ ޗެއާމަން މުހަައްމަދު އަލައްބާރު ވިދާޅުވީ، އެކުންފުނީގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ތިމާވެށި ދަމަހައްޓަމުން، ދުނިޔޭގެ އެންމެ މަތީ ފެންވަރުގެ ތަރައްގީ ރާއްޖެއަށް ގެނެސްދިނުމެވެ.
އަބޫދާބީގެ އީގަލް ހިލްސްއަކީ ދުނިޔޭގެ 18 ގައުމެއްގައި ބިޔަ މަޝްރޫއުތަކާއި، 45 އަށްވުރެ ގިނަ ހޮޓާތައް ހިންގަމުން އަންނަ އީޖާދީ ފަރުމާތަކަށް ބައިނަލްއަގުވާމީ އިތުބާރު ހޯދާފައިވާ މަޝްހޫރު ކުންފުންޏެކެވެ. މިއީ ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ރިއަލް އެސްޓޭޓް ސިނާއަތެއް ބިނާކޮށް، އިގްތިސާދީ އިންގިލާބެއް ގެނުވާނެ ތާރީހީ ބިންގަލެކެވެ.










ކިޔުންތެރިންގެ ހިޔާލު