ރޭ ހިނގި ދެ ބޯޓު އޮޔާދިޔަ ހާދިސާގައި ސިނަމާލެ ބުރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ލިބިފައިނެތް ނަމަވެސް ކުދި ރެނދުލާފައި ހުރި ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި އިމާރާތްކުރުމާ ބެހޭ ވަޒިރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
މޫސުން ވަރަށް ގޯސްވެފައިވަނިކޮށް ހިނގި މި ހާދިސާގައި ބޯޓް އުރުނީ ނަގިލި ކަހާލަައިގެން ކަމަށް އެނގިފައިވެ އެވެ.
މި ހާދިސާއާ ގުޅިގެން އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ)ގެ ޗީފް އެގްޒެކެޓިވް ހައްސާން މުހައްމަދު “އެމްއެމްޓީވީ” އަށް ވިދާޅުވީ ދެ ބޯޓު ފަރަށް އެރި ހާދިސާގެ ތަހުގީގެއް ފަށާފައިވާކަމަށާއި އީއާރުއޭ އިން މާލޭގެ ފަރާއި ސިނަމާލެ ބްރިޖަށް ލިބުނު ގެއްލުންތައް ބަލަމުންދާކަމަށެވެ.

އެ އިންސްޕެކްޝަންތަކުން އެނގުނު ގޮތުގައި، ބުރިޖުގެ ސްޓްރަކްޗާއަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށާއި ނަމަވެސް ކުދިކުދި ރެނދުތައް ލާފައި ހުރި ކަމަށް ވަޒީރު މުއްތަލިބް ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އެކުލަވާލާފައިވާ މޮނިޓަރިން، އިންސްޕެކްޝަން އަދި މެއިންޓެނަންސް އެއްބަސްވުމުގެ ދަށުން، އެސް.އެޗް.އީ.ސީ އިން އެކަށީގެންވާ މިންގަނޑުތަކާ އެއްގޮތަށް އެ މަރާމާތުތައް ކުރާނެ ކަމަށެވެ.
މި ހާދިސާއަކީ ބޮޑު ނުރައްކަލަކުން ކިރިޔާ ސަލާމަތްވި ހާދިސާއެއްގެ ގޮތުގައި ސިފަކޮށް ވަޒީރު ވިދާޅުވީ މިފަދަ ހާދިސާތަކުގައި މި ސަރަހައްދުގައި ހުރި އެ މުހިންމު އަދި ނާޒުކު ބިނާރުތަކަށް ގެއްލުންވުމުގެ ފުރުސަތު އޮތްކަމަށެވެ. އެހެންކަމުން، މިފަދަ ކަމެއް ހިނގުމުގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މިފަދަ ހާލަތްތަކަށް ތައްޔާރުވުމަށް ސަރުކާރުން މިހާރު ފަށާފައިވާ މަސައްކަތްތައް ހިއްސާކުރަމުން ވަޒީރު ވިދާޅުވީ އޮޔާދާ އުޅަނދުފަހަރު ބްރިޖާ ހަމައަށް ފޯރުމުގެ ކުރިން ހިފެހެއްޓުމުގެ ގާބިލުކަން ހުރި ދެ ޓަގު ބޯޓު ހޯދުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޓް، އެމް.ޕީ.އެލުން ކުރަމުންދާ ކަމަށެވެ. އަދި ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި މި ޓަގުތައް ލިބޭނެ ކަމަށް ބެލެވޭކަމަށް ވަޒީރު ވިދާޅުވި އެވެ. މީގެ އިތުރުން، ބަނދަރުގައި އުޅަނދުފަހަރު އަޅާފައި ބެހެއްޓުމުގެ އިންތިޒާމުތައް މުރާޖައާކޮށް، ކޯސްޓްގާޑާއި ކަމާބެހޭ އެހެނިހެން އިދާރާތަކާ ގުޅިގެން ކުއްލި ހާލަތްތަކުގައި މުއާމަލާތްކުރާނެ އަދި ފިޔަވަޅު އަޅާނެ ސާފު އުސޫލުތަކެއް އެކުލަވާލެވިގެންދާނޭކަން ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.










ކިޔުންތެރިންގެ ހިޔާލު