ދައްކަންޖެހޭ ޓެކުހުގެ މިންވަރު ކަނޑައަޅައި މީރާއިން އަންގާފައިވާ އެންގުމާ އެއްގޮތަށް ފައިސާ ދައްކާފައިނުވާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފިއެވެ. މި ފަރާތްތަކަކީ ޓެކުހުގެ ގޮތުގައި ނުދައްކައިވާ އަދަދު 1 މިލިޔަން ރުފިޔާއަށްވުރެ އިތުރުވެފައިވާ ފަރާތްތަކެވެ.
މީރާއިން މައުލޫމާތު ދެއްވި ގޮތުގައި، މިއީ “ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު” ގެ ދަށުން ނިންމި ނިންމުމެކެވެ.
އެ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމުގެ ކުރިން، ފޯނުން ގުޅައިގެންނާއި އެސްއެމްއެސް މެދުވެރިކޮށް، ގާނޫނުގައިވާ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ސާފުކޮށްދީފައިވާނެ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކްސް ފައިސާ ހޯދުމަށްޓަކައި، މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އެއްވެސް ތަފާތުކުރުމެއްނެތި އަޅަމުންދާނެ ކަމަށް މީރާއިން ވަނީ ވިދާޅުވެފައެވެ. އެހެންކަމުން، ޓެކްސް ބަޔާންތައް ލަސްނުކޮށް ހުށަހެޅުމަށާއި، ނުދައްކައިވާ ފައިސާ އަވަހަށް ދައްކައި ނިންމުމަށް މީރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

މިދިޔަ މަހުގެ މާލީ ރިޕޯޓަށް ބަލާއިރު، ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް ކުރި މަސައްކަތުން އެކަނިވެސް 497 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މިއީ އެ މަހު މީރާއިން ބަލައިގެންފައިވާ ޖުމްލަ އާމްދަނީގެ %3.01 އެވެ.










ކިޔުންތެރިންގެ ހިޔާލު