ހިޔާވެހި ފައިނޭންސިން ޕްރޮގްރާމްގެ ދަށުން 839 ފަރާތަކަށް ފައިނޭންސިން އެޕްރޫވްކޮށް، ޖުމްލަ 1.08 ބިލިއަން ރުފިޔާ ކަނޑައަޅާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗާ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނެފި އެވެ.
މި ޕްރޮގްރާމްގެ ފުރަތަމަ ބުރުގައި 891 ފަރާތަކަށް ކުރިމަތިލާފައިވާއިރު، މިއަދާ ހަމައަށް 839 ފަރާތަކަށް ބޭންކް އެޕްރޫވަލް ލިބިފައިވާ ކަމަށް މިނިސްޓްރީން ނެރުނު ތަފާސްހިސާބުން ދައްކާފައިވެ އެވެ. މި ފައިސާ ބަހާފައިވަނީ ތިން ކެޓަގަރީއަކަށެވެ.
ކެޓަގަރީތަކަކީ:

- ފަހި މާލޭ ސްކީމް – ކޮންމެ ފަރާތަކަށް 6 މިލިއަނާއި 10 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދެއް
- ސަހަރު ސްކީމް – 3 މިލިއަން ރުފިޔާ
- ރަށްވެހި ސްކީމް- އެއް މިލިއަން ރުފިޔާގެ ފައިނޭންސް
މިއަދާ ހަމައަށް ތިން ކެޓަގަރީން ޖުމްލަ 2،256 ފޯމު ލިބިފައިވާއިރު، ރަށްވެހި ސްކީމަށް 329 ފޯމް، ސަހަރު ސްކީމަށް 586، އަދި ފަހި މާލޭ ސްކީމަށް 341 ފޯމު ލިބިފައިވެ އެވެ.
ހިޔާވެހި ޕްރޮގްރާމަކީ އަހަރަކު 2 ބިލިއަން ރުފިޔާ ދޫކުރުމަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. ސަރުކާރުން އެއް ބިލިއަން ރުފިޔާ ފޯރުކޮށްދޭއިރު ބާކީ ފައިސާ ދޫކުރަނީ ބޭންކުތައް މެދުވެރިކޮށެވެ. ފައިނޭންސިން ހުށަހަޅަނީ އިސްލާމީ އުސޫލުން ފަސް ޕަސެންޓް އިންޓްރަސްޓު ނަގާ ގޮތަށެވެ. އަދި ފައިސާ ދައްކަން ކަނޑައަޅާފައިވާ މުއްދަތަކީ 25 އަހަރެވެ.










ކިޔުންތެރިންގެ ހިޔާލު