ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ސަރުކާރުން ފަށާފައިވާ ހާއްސަ މަސައްކަތްތަކުގެ ތެރެއިން، އއ. ތޮއްޑޫގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި 100 އަށްވުރެ ގިނަ ބިދޭސީން މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އޮޕަރޭޝަނަކީ ތޮއްޑޫގައި ޤަވާޢިދާ ޚިލާފަށް ގިނަ އަދަދެއްގެ ބިދޭސީން އުޅެމުންދާ ކަމަށް ބުނެ އެ ރަށުގެ ޢާންމު ރައްޔިތުންގެ ފަރާތުން ލިބިފައިވާ ގިނަ ޝަކުވާތަކަކާ ގުޅިގެން ޓާސްކްފޯސް އިން ހިންގި ޚާއްޞަ ހަރަކާތެކެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 06:00 އިން ފެށިގެން ހަވީރު 16:00 އާ ހަމައަށެވެ. އެގޮތުން، މުޅި ރަށް ކަވަރުވާ ގޮތަށް ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޖުމްލަ 507 ބިދޭސީންގެ ލިޔެކިޔުންތައް ޗެކްކޮށް ބަލައި ފާސްކޮށްފައިވެއެވެ.

އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، ފާސްކުރެވުނު މީހުންގެ ތެރެއިން ވިސާ ނެތި އަދި އިމިގްރޭޝަންގެ ޤާނޫނާއި ޤަވާޢިދުތަކާ ޚިލާފަށް އުޅެމުންދިޔަ 107 ބިދޭސީއަކު މިހާރު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. އަދި މި މީހުންނާ މެދު ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ.
ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ސިލްސިލާކޮށް މިފަދަ އިންސްޕެކްޝަންތައް ދަނީ ހިންގަމުންނެވެ.










ކިޔުންތެރިންގެ ހިޔާލު