ރާއްޖޭގެ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގެ ގިނަ ގޭގޭގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ހާމަކޮށްފިއެވެ.

އެންޑީއެމްއޭއިން އާންމުކުރި އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު އައްޑޫ ސިޓީ ފޭދޫގެ ނުވަ ގެއަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ގޭގޭގެ ފާހާނާ ހޮޅިތައް ވަނީ ބެދިފައެވެ.

ފޭދޫގެ ގެއެއްގައި ދިރިއުޅެން ދަތިވާ މިންވަރަށް ފެންބޮޑުވުމާ ގުޅިގެން އެ ގޭގައި ދިރިއުޅޭ މީހުން ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. އެ މީހުންގެ ކެއިންބުއިމުގެ ކަންކަން އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައެވެ. އަދި އެ އަވަށުގެ އިތުރު ތިން ގެއެއްގެ މީހުންނަށް ކައްކައި ކައިބޮއި ހެދުމަށް ދަތިތަކާ ކުރިމަތިލާން ޖެހުމުން ކުރިއަށް އޮތް ތިން ދުވަހަށް ބޭނުންވާ ކެއިންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.

އިޝްތިހާރު އިޝްތިހާރު

ފުވައްމުލަކުގައި ވިއްސާރައިގެ ސަބަބުން ހާލުގައި ޖެހުނު އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ސިޓީގެ ކައުންސިލާއި ފެނަކަ ކޯޕަރޭޝަން ގުޅިގެން އަންނަނީ ކުރަމުންނެވެ. އެހެނިހެން މުއައްސަސާތަކުން ވެސް އެ ސިޓީގައި ހާއްސަ އެހީތެރިކަމުގެ މަސައްކަތްތަކެއް އަންނަނީ ހިންގަމުންނެވެ.

ފާއިތުވި ތިން ދުވަހު މެދުކެނޑުމެއްނެތި ކުރި ވިއްސާރައިގައި އައްޑޫ ސިޓީގެ އެކި ރަށްރަށުގެ ގިނަ ގޭގޭގައި ވަނީ ފެންބޮޑުވެފައެވެ. މި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފޭދޫގެ ގޭގޭގެއަށް ކަމަށް އެންޑީއެމްއޭއިން މައުލޫމާތުދެއެވެ.