ދިވެހިރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ރައްކާތެރިކަމާއި ފުރާނައިގެ ސަލާމަތް ކަށަވަރުކުރުމުގެ މަގުސަދުގައި، މޫދު ކުޅިވަރުތަކުގައި ބައިވެރިކުރުމުގެ ކުރިން އެމީހުންގެ ފަތަން ދަންނަ ފެންވަރު ޕަރީކްޝާކުރުން ލާޒިމުކުރާ އާ ގަވާއިދެއް މިނިސްޓްރީ އޮފް ޓޫރިޒަމުން މިއަދު އިއުލާނުކޮށް، އަމަލުކުރަން ފަށައިފިއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ޝާއިއުކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި އުސޫލު އެކުލަވާލާފައިވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މޫދަށް އެރި އުޅުމުގެ ތެރޭގައި ގެނބިގެން ފަތުރުވެރިން މަރުވާ ހިތާމަވެރި ހާދިސާތައް ގިނަވަމުންދާތީއެވެ. އެހެންކަމުން މިފަދަ ހާދިސާތައް ހުއްޓުވައި، ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އޮތް އިތުބާރާއި މަގުބޫލުކަން ދެމެހެއްޓުމަކީ މި ފިޔަވަޅުގެ މައިގަނޑު އަމާޒެވެ.

"ފަތުރުވެރީންނަށް، މޫދާ ގުޅުންހުރި ކުޅިވަރުތަކާއި ފެނުގައި ހިންގާ އެކިއެކި ކުޅިވަރުތަކާއި އެކްސްކާޝަންގެ ޚިދުމަތްތައް ދިނުމާބެހޭ ގަވާއިދު" ގެ ނަމުގައި ގެޒެޓްކުރެވުނު މި ގަވާއިދަށް، ރާއްޖޭގައި ހިންގާ ހުރިހާ ރިޒޯޓުތަކާއި، ގެސްޓްހައުސްތަކާއި، ސަފާރީތަކާއި، ހޮޓާތަކުގެ އިތުރުން މޫދު ކުޅިވަރުގެ ޚިދުމަތްދޭ ހުރިހާ ސެންޓަރުތަކުންވެސް ފުރިހަމައަށް އަމަލުކުރަން ޖެހޭނެއެވެ.

އިޝްތިހާރު އިޝްތިހާރު

އަލަށް ތަންފީޒުކުރަން ފެށި މި އުސޫލުގެ ދަށުން، އާދައިގެ މީހެއްގެ އިސްކޮޅުގެ ތިންބައިކުޅަ ދެބަޔަށްވުރެ ފުން ސަރަހައްދުތަކަށް ފަތުރުވެރިން ގެންދިއުމުގެ ކުރިން، އެމީހަކަށް އެކަށީގެންވާ ވަރަށް ފަތަން އެނގޭކަން ތިލަ ފެނުގައި ޓެސްޓުކޮށް ޔަގީންކުރަން މަޖުބޫރުވާނެއެވެ. އަދި ކޮންމެ ހަރަކާތެއް ހިންގާއިރުވެސް، ބައިވެރިވާ މީހުންގެ އަދަދާ އެކަށޭނަ މިންވަރަށް ފުރިހަމަ ތަމްރީނު ލިބިފައިވާ ގައިޑުން ތިބެންޖެހޭނެ ކަމަށް ވަނީ ކަނޑައަޅާފައެވެ. މީގެއިތުރުން، މޫސުމާބެހޭ ގައުމީ އިދާރާއިން މޫސުން ގޯސްވެގެން އިންޒާރު ނެރެފައިވާ ވަގުތުތަކުގައި، އެއްވެސް ބާވަތެއްގެ މޫދު ކުޅިވަރެއް ނުވަތަ ކަނޑުދަތުރެއް ކުރިއަށް ގެންދިއުން މި ގަވާއިދުގެ ދަށުން މުޅިން މަނާވާނެއެވެ.

މި ގަވާއިދުގައި މޫދު ކުޅިވަރުތައް މައިގަނޑު ތިން ބަޔަކަށް ބަހާލާފައިވެއެވެ:

ޖެޓްސްކީ އަދި ވޯޓާ ސްކީ ފަދަ އިންޖީނު އެޅި ވަސީލަތްތައް ބޭނުންކޮށްގެން ހިންގާ ހަރަކާތްތައް.

ކަޓަމަރާން ދުއްވުމާއި ރާޅާއެޅުން ފަދަ އިންޖީނު ނުހިމެނޭ ވަސީލަތްތައް ބޭނުންކޮށްގެން ކުރިއަށްގެންދާ ހަރަކާތްތައް.

ސްނޯކްލިންގ އާއި މޫދު ދަތުރުތައް ފަދަ އެކްސްކާޝަންތައް. (ނަމަވެސް، ސްކޫބާ ޑައިވިންގ ފަދަ ފީނުމުގެ އެންމެހައި ކަންކަން ހިންގާނީ ކުރިއެކޭވެސް އެއްގޮތަށް އެކަމަށް ޚާއްސަ ކުރެވިފައިވާ ވަކި ގަވާއިދެއްގެ ދަށުންނެވެ.)

މި އުސޫލުތަކާ ހިލާފުވާ ފަރާތްތަކާއި ވިޔަފާރިތަކާ މެދު ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކުރެވޭ ކުށުގެ ކުޑަބޮޑުމިނަށް ރިއާޔަތްކޮށް، ޖޫރިމަނާ ކުރެވޭނެ މިންވަރުތަކަކީ:

ފުރަތަމަ ފަހަރު: ގިނަވެގެން 10,000 ރުފިޔާ

ދެވަނަ ފަހަރު: ގިނަވެގެން 50,000 ރުފިޔާ

ތިންވަނަ ފަހަރު: ގިނަވެގެން 100,000 ރުފިޔާ

މާލީ ގޮތުން ކުރެވޭ ޖޫރިމަނާގެ އިތުރުން، ތަކުރާރުކޮށް ގަވާއިދާ ހިލާފުވާ ތަންތަނަށް ދޫކޮށްފައިވާ ވިޔަފާރި ހުއްދަ ވަގުތީގޮތުން ސަސްޕެންޑް ކުރުމާއި، އެއްކޮށް ބާތިލުކުރުމުގެ އިޚްތިޔާރުވެސް ޓޫރިޒަމް މިނިސްޓްރީއަށް ވަނީ ލިބިދީފައެވެ. މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ ސަބަބުން، ދިވެހިރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާން އަދި ރައްކާތެރި މާހައުލެއްގައި ޗުއްޓީ ހޭދަކުރުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެ މިނިސްޓްރީން ދެކެއެވެ.