ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (އައި.ޔޫ.އެމް) ގެ ކެމްޕަހެއް ތ. ވޭމަންޑޫގައި ގާއިމުކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އިއްޔެ ހެނދުނު ބޭއްވުނު މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރެވެ. މީގެ އިތުރުން ކޮޅުމަޑުލު އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުﷲ ޝަރީފް ޢަބްދުލްފައްތާޙާއި، ވޭމަންޑޫ ކައުންސިލްގެ މެންބަރު ނާއިލާ އަޙްމަދުގެ އިތުރުން ޔުނިވަރސިޓީއާއި ކައުންސިލްގެ އިސްވެރިންނާއި، ރަށުގެ އިއްޒަތްތެރިންނާއި އިސް ރަށްވެހިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލް މެންބަރު ނާއިލާ އަޙްމަދު ވިދާޅުވީ، ރަށްރަށުގެ އާބާދީތަކާ ގާތުން މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށާއި، ވަކިވަކި ރަށްތަކަށް ހަމަހަމަކަމާއެކު ތަރައްގީ ގެނެސްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްނަންގަވައިގެން ކުރައްވާ މަސައްކަތްޕުޅުތަކަކީ ނުހަނު އަގުހުރި މަސައްކަތްޕުޅުތަކެއް ކަމަށެވެ. އަދި މި ކެމްޕަހުގެ ސަބަބުން ވޭމަންޑޫގެ އިތުރުން މުޅި ސަރަހައްދަށްވެސް ދެމެހެއްޓެނިވި ތަރައްގީއެއް ލިބިގެންދާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

އިޝްތިހާރު އިޝްތިހާރު

އައި.ޔޫ.އެމްގެ ވައިސް ޗާންސެލަރ ޑރ. ޢަލީ ޒާހިރުގެ ވާހަކަފުޅުގައި، މާލޭގައި އެކޮމޮޑޭޝަންގެ ދަތިކަމާއި ބޮޑު ކުލީގެ ސަބަބުން ދަރިވަރުން އުފުލަންޖެހޭ ތަކުލީފުތަކަށް އަލިއަޅުއްވާލެއްވިއެވެ. އަދި މި މަޝްރޫއާއެކު، ދަނާލުގެ ހިދުމަތާއެކު އަމިއްލަ ސަރަހައްދުގައި ތިބެގެން ސްކޫލް ނިންމުމަށްފަހު ޕީއެޗްޑީއާ ހަމައަށް ތައުލީމު ހާސިލުކުރުމުގެ ފަހި ފުރުސަތު ދަރިވަރުންނަށް ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ ދަރިވަރުންނާ އެކު ތައުލީމު ހާސިލުކުރުމުގެ ފުރުސަތު ލިބި، ދަރިވަރުންގެ ފިކުރާއި ހޭލުންތެރިކަން އިތުރުވެގެންދާނެކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، މަޝްރޫއުގެ ކަންކަން ގާތުން ބައްލަވައި ޔުނިވަރސިޓީއާ މަޝްވަރާކުރުމަށް ރައްޔިތުންނަށް ދައުވަތު އަރުވަމުން، ވޭމަންޑޫ ކައުންސިލުން ވެދެއްވާ އެއްބާރުލުމަށް ވައިސް ޗާންސެލަރ ޝުކުރު އަދާކުރެއްވިއެވެ.

ދައުލަތުގެ ޕީ.އެސް.އައި.ޕީ މަޝްރޫޢުގެ ދަށުން ސްވިފްޓް އިންޖިނިއަރިންގ ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 18 މަސްދުވަހުގެ މުއްދަތެކެވެ.

ގާތްގަނޑަކަށް 23،000 އަކަފޫޓުގެ ބިމެއްގައި ތަރައްގީކުރާ މި ކެމްޕަހުގައި މައިގަނޑު 3 އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

ކެމްޕަހުގެ މައި އަދި އިދާރީ އިމާރާތް: ކްލާސްރޫމްތަކާއި، ސެމިނަރ ރޫމާއި، މަލްޓިޕަރޕަސް ހޯލުގެ އިތުރުން ލައިބްރަރީއާއި އިދާރީ އޮފީސް އަދި މީޓިން ރޫމްތައް.
އެކޮމޮޑޭޝަން އިމާރާތް: 20 ދަރިވަރުންގެ ޖާގައިގެ ދަނާލަކާއި، ލެކްޗަރާއިންނާއި މުވައްޒަފުންގެ އެކޮމޮޑޭޝަން ކުއާޓަރުތައް. އަދި ޖިމާއި، އިންޑޯ ކުޅިވަރު ވަސީލަތްތަކާއި، ކެފެޓީރިއާގެ އިތުރުން ކޮމަން ރޫމް.
މިސްކިތް: އެއްފަހަރާ ގާތްގަނޑަކަށް 50 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެއް.