ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށް އެބަދެއެވެ.

އާރްޑީސީން މަޢުލޫމާތު ބުނިގޮތުގައި މި މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މި މަހުގެ 22 ވަނަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މި މަޝްރޫޢަކީ 86.7 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މަސައްކަތެކެވެ.

މި މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ އެ ރަށު ގާޒީ މަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތެވެ.

އިޝްތިހާރު އިޝްތިހާރު

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ހަވާލުކުރި މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ. މި މަޝްރޫޢުގެ ދަށުން ވޭމަންޑޫގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި އާންމުކޮށް ބޭނުންކުރާ މަގުތައް ހިމެނޭހެން ޖުމްލަ 7 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

އެ ރަށުގައި ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ ޖުމްލަ 3.99 ކިލޯމީޓަރުގެ މަގެވެ. މިއީ އެ ރަށުގެ ދަތުރުފަތުރާއި އާންމު ދިރިއުޅުމަށް ބޮޑު ލުޔެއް ލިބިގެންދާނެ މަޝްރޫޢެކެވެ.

މި އެއްބަސްވުމުގެ ދަށުން މަގުތަކުގެ ސަރވޭތައް ކުރުމާއި ޑީޓެއިލް ޑިޒައިން އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. މީގެ އިތުރުން މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި ތާރު އެޅުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަދި މަގުތަކުގެ ފިނިޝިންގ މަސައްކަތްތަކުގެ އިތުރުން މަގުބައްތި ޖެހުމުގެ މަސައްކަތްތައްވެސް މި މަޝްރޫޢުގެ ތެރެއިން ކުރިއަށްދާނެއެވެ.