އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރައްވާ ދަތުރުފުޅު ފެއްޓެވިއިރު، ދެ ޤައުމުގެ ދެމެދުގައި އޮތް ބޮޑު ވާދަވެރިކަމަށް އެދެވޭ ހައްލެއް ލިބިދާނެ ކަމުގެ އުންމީދު ވަރަށް ކުޑަކަމަށް މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެފިއެވެ. އިޤްތިޞާދީ އަދި ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ މެދުގައި ހިނގަމުންދިޔަ ވަރުގަދަ ކުރިމަތިލުންތަކަށް ވަގުތީ ފިނިކަމެއް އައިސްފައި އޮންނަތާ މިހާރު ވަނީ އަހަރަކަށްވުރެ ދިގު މުއްދަތެއް ވެފައެވެ.
ވިޔަފާރީގެ ކޯޅުންތަކަށް ވޭތުވެދިޔަ އަހަރު ލުޔެއް ގެނައިފަހުން، ޗައިނާގެ ރައީސް ޝީ ޖިންޕިންއާއެކު ބާއްވަވާ ތިންވަނަ މަޝްވަރާތަކަށް ރައީސް ޓްރަމްޕް ބުދަ ދުވަހު ޝެންޒެންއަށް ވަޑައިގެންނެވިއިރު، މާބޮޑު ކާމިޔާބީތަކެއް ހާސިލުވާނެ ކަމަކަށް ނުބެލެވެއެވެ. ޝެންޒެންގެ ވައިގެ ބަނދަރުން ޓްރަމްޕަށް މަރުޙަބާ ދެންނެވީ ސީދާ ރައީސް ޝީ އެވެ. އެމެރިކާގެ ރައީސްގެ އަރިހުގައި ވަޑައިގެންނެވި ނޫސްވެރިން އެއާފޯސް ވަންގައި މަޑުކޮށްލައިގެން ތިއްބައި، ޝީ ވަނީ ޓްރަމްޕާ ބައްދަލުކުރައްވައި މަރުޙަބާ ވިދާޅުވެފައެވެ. މިގޮތަށް ބޭރުގެ ލީޑަރުން ފައިބައިވަޑައިގަންނަވާ ވަގުތު އެއާޕޯޓަށް ވަޑައިގެން ޗައިނާގެ އެންމެ އިސް ވެރިޔާ އިސްތިޤްބާލު ކުރެއްވުމަކީ ވަރަށް ނާދިރު މަންޒަރެކެވެ.
މިފަދަ ހޫނު މަރުޙަބާއެއް ކިޔުއްވި ނަމަވެސް، ބުރާސްފަތި ދުވަހު ޝެންޒެންގައި ބާއްވާ އޭޝިއާ-ޕެސިފިކް އިކޮނޮމިކް ކޯޕަރޭޝަން (އޭޕެކް) ސަމިޓުގެ އަރިމަތީގައި ދެ ލީޑަރުން ބާއްވަވާ ބައްދަލުވުމުން ބުރަދަންހުރި އެއްބަސްވުންތަކަކަށް ވާސިލުވެވޭނެ ކަމަކަށް ނުބެލެވެއެވެ. އޭގެ ބަދަލުގައި، ދެ ބޭފުޅުންގެ ވެސް މައިގަނޑު އަމާޒަކަށް ވާނީ ދެ ޤައުމުގެ ގުޅުން ހަމަހިމޭންކަންމަތީ ދެމެހެއްޓުން ކަމަށް ބެލެވެއެވެ. މިއީ މަޝްހޫރު ޗިޕް ކުންފުނި އެންވީޑިއާގެ ކުރީގެ ވެރިޔާއަށް އަމާޒުކޮށް ޗައިނާއިން ޖާސޫސީ ޢަމަލުތަކެއް ހިންގި ކަމަށް ކުރެވޭ ތުހުމަތުތަކާއެކު ދެފަރާތުގެ ޚިޔާލުތަފާތުވުންތައް އިންތިހާއަށް ގަދަވެފައިވާ ދަނޑިވަޅެކެވެ.
ބްރޫކިންގްސްގެ ޖޯން އެލް ތޯންޓަން ޗައިނާ ސެންޓަރުގެ ޑިރެކްޓަރު ރަޔަން ހާސް ފާހަގަކުރެއްވި ގޮތުގައި، ދެ ޤައުމުގެ ގުޅުން އޮތީ ބާރުގެ ދަށުގައިކަން ދެއްކުމަކީ ޓްރަމްޕާއި ޝީ، މި ދެ ބޭފުޅުންނަށް ވެސް އޭގެ ސިޔާސީ މަންފާ ލިބޭނެ ކަމެކެވެ.
މަޢުލޫމާތު ދެއްވަމުން ހާސް ވިދާޅުވީ ކުރިމަގުގައި ވެސް މި ހާލަތަށް މާ ބޮޑު ބަދަލެއް އަންނާނެ ކަމަށް ނުދެކޭ ކަމަށެވެ. އަދި 2026 ވަނަ އަހަރު މަގުފަހިވި ފަދައިން އެންމެ މަތީ ފަންތީގެ ސީދާ ޑިޕްލޮމެޓިކް މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ގިނަ ފުރުޞަތުތަކެއް އަންނަ އަހަރު ނުލިބޭނެތީ، މި ގުޅުން ހަމަމަގުގައި ހިފެހެއްޓުމަށް އެ ދެބޭފުޅުންގެ ޤާބިލުކަމަށް ބޮޑެތި އިމްތިޙާނުތަކަކާ ކުރިމަތިލާން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.