ކ. ހުރާގެ މަޝްހޫރު ބޮޑު ކުޅީގައި ނޭޗާ ޕާކެއް ތަރައްގީ ކުރުމަށްޓަކައި ޝައުގުވެރިވާ ފަރާތްތަކަށް ބިޑު ހުށަހެޅުމުގެ ފުރުސަތު ހުރާ ކައުންސިލުން ހުޅުވާލައިފިއެވެ.
ހުރާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަސައްކަތް ކުރާ ފަރާތުގެ އަމިއްލަ ތަކެތީގައި، ޑިޒައިން އެންޑް ބިލްޑް އުސޫލުންނެވެ. ކައުންސިލުން ބުނި ގޮތުގައި މި މަސައްކަތް ފެށުމުގެ މައިގަނޑު މަގުސަދަކީ ރަށުގެ ގުދުރަތީ ރީތިކަން އަންނަން އޮތް ޖީލުތަކަށް ދަމަހައްޓައި، ތިމާވެއްޓާ ރައްޓެހި ފަތުރުވެރިކަމެއް ކުރިއަރުވައި، ރައްޔިތުންނަށް އިގުތިސޯދީ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އަންދާސީ ހިސާބު ނުވަތަ ބިޑު ހުށަހެޅުމުގެ ސުންގަޑިއަކީ މި ހިނގާ މަހުގެ 30 ވާ ދުވަހުގެ މެންދުރު 12:20 ގެ ކުރިން ކަމަށް ކައުންސިލުން މައުލޫމާތު ދެއެވެ. އަދި ބިޑާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކަށް، ކައުންސިލްގެ އީމެއިލް މެދުވެރިކޮށް ނުވަތަ ރަސްމީ ފޯނު ނަންބަރަށް ގުޅައިގެން އެ މައުލޫމާތު ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
ތިމާވެއްޓާ ބެހޭ ވުޒާރާގެ ހިސާބުތަކުން ދައްކާ ގޮތުގައި، 5.32 ހެކްޓަރުގެ ބޮޑު ސަރަހައްދެއްގައި އޮންނަ ހުރާ ކުޅިއަކީ މާލެ އަތޮޅު ގައި އޮތް މިފަދަ ހަމައެކަނި ކުޅިއެވެ. ތަފާތު ވައްތަރުގެ ގަސްގަހާގެއްސާއި، ދޫނިސޫފާސޫފީގެ އިތުރުން ފެނުގައި އުޅޭ އެކި ބާވަތްތަކުގެ ދިރުންތަކުން މުއްސަނދިވެފައިވާ މި ސަރަހައްދަކީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން 14 ޖޫން 2006 ގައި ހިމާޔަތްކޮށްފައިވާ ހާއްސަ ސަރަހައްދެކެވެ. މިއީ ތިމާވެށީގެ ތައުލީމާއި ސައިންޓިފިކް ދިރާސާތަކަށް މުހިންމު ތަނެއްގެ އިތުރުން، އެކި ސްކޫލްތަކުގެ ދަރިވަރުން މައުލޫމާތު އެއްކުރުމަށް ވެސް އަބަދުވެސް ޒިޔާރަތްކުރާ މަގުބޫލު މަންޒިލެކެވެ.
ގުދުރަތީ ބޮޑު ކުޅިއެއް އޮންނަ ހުރާއަކީ މިހާރުވެސް ގިނަ އަދަދެއްގެ ލޯކަލް އަދި ބޭރުގެ ފަތުރުވެރިން ޒިޔާރަތް ކުރަމުން އަންނަ ރަށަކަށް ވުމާއެކު، މި ނޭޗާ ޕާކު ތަރައްގީ ކުރެވުމުން ރަށުގެ ޓޫރިޒަމަށް އިތުރު ފުރިހަމަކަމެއް ލިބި، ރަށުގެ އިގުތިސޯދަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ބެލެވެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.