ކ. ހުރާގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއެއްގައި ގެއެއް އެއްކޮށް އަނދައި، ބޭނުންނުކުރެވޭ ވަރަށް ގެއްލުންވެއްޖެއެވެ.

މި ހާދިސާގައި އެކަކަށް އަނިޔާވެ، ގިނަ ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މައުލޫމާތު ދޭ ގޮތުގައި، އަލިފާން ރޯވި ގެ ވަނީ ދިރިނޫޅެވޭ ވަރަށް އަނދައި ހުލިވެފައެވެ.

އިޝްތިހާރު އިޝްތިހާރު

މި ހާދިސާގައި އެގޭގައި އުޅޭ މީހެއްގެ އަތް ވަނީ ފިހިފައެވެ. އެގޭގައި ދިރިއުޅޭ 15 މީހަކު ވަނީ މި ހާދިސާއާ ގުޅިގެން ހާލުގައި ޖެހިފައެވެ. އެންޑީއެމްއޭ އިން ބުނި ގޮތުގައި، ހާލުގައި ޖެހުނު 15 މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް، ހުރާ ކައުންސިލާ ގުޅިގެން އެ އޮތޯރިޓީން ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ވަގުތީ ބޯހިޔާވަހިކަމާއި އަސާސީ ބޭނުންތައް ފޯރުކޮށްދިނުން ހިމެނެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބެއް މިހާތަނަށް ސާފުވެފައެއް ނުވެއެވެ. ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.