އެމެރިކާގެ ވެރިކަންކުރާ ވޮޝިންޓަން ޑީސީގައި ބޮން ގޮއްވަން އީރާނުން ރާވާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް އީރާނުން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އެއީ އެއްވެސް ހަގީގަތެއްނެތް ދޮގު ވާހަކަތަކެއް ކަމަށެވެ.
ވޮޝިންޓަން ޑީސީގައި ބޮން ގޮއްވުމުގެ ޕްލޭނެއް ހެދުމުގެ މަސައްކަތް އީރާނުން ކުރަމުންގެންދާ ކަމުގެ މައުލޫމާތު އެމެރިކާގެ ޖާސޫސީ އިދާރާތަކަށް ލިބިފައިވާ ކަމަށް ބުނެ މި ވާހަކަތައް ފަތުރާފައިވަނީ ސީއެންއެން އިން އެމީހުންގެ މަސްދަރުތަކާ ހަވާލާދީއެވެ.
މި ރިޕޯޓްތަކާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނީ، އެއީ އެމެރިކާއިން ވަރަށް ސީރިއަސްކޮށް ނަގާނެ މައްސަލައެއް ކަމަށެވެ.
އީރާނުގެ ފަރާތުން އެފަދަ ނުރައްކަލެއް ކުރިމަތިވެއްޖެނަމަ މީގެކުރިން "އެއްވެސް ގައުމަކުން ދައްކާފައި ނުވާ ފަދަ އަގެއް" އީރާނުން ދައްކަންޖެހޭނޭ ކަމަށާއި، އެފަދަ ކަމެއް ނުހިނގާނޭ ކަމަށް އުންމީދުކުރާ ކަމަށް ޓްރަމްޕް ބުނެފައި ވެއެވެ.
އީރާނު ޚާރިޖިއްޔާގެ ތަރުޖަމާނު އިސްމާއިލް ބަގާޔީ ވިދާޅުވީ، އީރާނާ ދެކޮޅަށް އަނިޔާވެރި އުދުވާނުތައް ފެށިމީހުން މިހާރު ގެންދަނީ، މީޑިއާ މެދުވެރިކޮށް އެއްވެސް އަސާސެއް ނެތް ތުހުމަތުތައް އުފައްދައި، އެފަދަ ތުހުމަތުތައް ފަތުރަމުން ކަމަށެވެ. ސީއެންއެން މެދުވެރިކޮށް ފަތުރާފައިވަނީވެސް ހަދަހަދައިގެން އުފައްދައިގެން އުޅޭ ތުހުމަތެއް ކަމަށެވެ.
ފިޔަވަޅަކަށްފަހު ފިޔަވަޅެއް އަޅައިގެން އެމީހުން މަސައްކަތް ކުރަނީ، އީރާނާ ދެކޮޅަށް ހިންގާ އުދުވާނުތަކާއި، ގަތުލުއާންމުތައް އިތުރަށް ފުޅާކުރާނޭ ހުއްޖަތެއް އުފެއްދުމަށް ކަމަށްވެސް، އިސްމާއިލް ބަގާޔީ ވިދާޅުވިއެވެ.
އީރާނާ ދެކޮޅަށް ހިންގާ ކޮންމެ އުދުވާނަކަށް ރައްދުދީ، ދުޝްމަނުން ދުވަހަކުވެސް ހަނދާނުން ފިލައިގެން ނުދާފަދަ ޖަވާބު ދޭނޭގޮތް އީރާނަށް ވަރަށް ރަނގަޅަށް އެނގޭ ކަމަށްވެސް، ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވިއެވެ.
ވޮޝިންޓަން ޑީސީގައި ބޮންގޮއްވަން އީރާނުން ރާވާފައިވާ ކަމަށް ބުނެ ފަތުރާ ވާހަކަތައް ދޮގުކޮށްފި
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.