ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި، ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ހައްޔަރުކޮށް ބަންދުކުރަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ނިންމާލައިފިއެވެ.

މި މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރެއްގެ ދަށުން މި މަހުގެ ކުރީކޮޅު ޝާހިދު ހައްޔަރުކޮށް، އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ އަމުރު ބާތިލުކުރުމަށް އެދި ޝާހިދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުންތަކަށްފަހު ފަނޑިޔާރުންގެ ބެންޗުން ވަނީ އެ މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވާފައެވެ.

އަޑުއެހުންތައް ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާނު ކުރެއްވީ، އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ މި މައްސަލައިގައި ހައި ކޯޓުން ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ ހުރިހާ ތުހުމަތުތަކެއް ދޮގުކުރައްވާފައެވެ. އަދި މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ މި މައްސަލައިގައި އެއްވެސް ސިޔާސީ ނުފޫޒެއް ނެތް ކަމަށާއި، ގާނޫނީ އިޖުރާއަތްތައް ހަމަހަމަކަމާއެކު ހިނގަން ފުރުސަތު ދޭންޖެހޭ ކަމަށެވެ.

އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ފޮރިން މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ އިތުރުން، އދ. ގެ އާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސްކަން ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.