ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުން ކެންސަލްކޮށްފިއެވެ.
މި ހިނގާ މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ ނިންމުން އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވިތާ ހަފްތާއެއްހާ ދުވަސް ފަހުން އަޑުއެހުން މިއަދަށް ތާވަލުކުރި ނަމަވެސް، މިއަދުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.
ހައިކޯޓުން ބުނީ އެ މައްސަލައިގެ އަޑުއެހުން ކެންސަލްވީ އިދާރީ ކަމެއްގެ ސަބަބުން ކަމަށެވެ.
ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ހިންގާ ދޮގު ކެމްޕޭނެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.