ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ ބަންދުގެ މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު މެންދުރުފަހު ހައިކޯޓުގައި ފެށުމަށް ތާވަލުކޮށްފިއެވެ.
މި ހިނގާ މަހުގެ ކުރީކޮޅު ކޯޓު އަމުރެއްގެ ދަށުން އުމުރުން 64 އަހަރުގެ ޝާހިދު ހައްޔަރުކުރުމަށްފަހު، އޭނާގެ ބަންދަށް ކޯޓުން ވަނީ 30 ދުވަހުގެ މުއްދަތެއް ދީފައެވެ. އެ ނިންމުން އޭނާގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވިތާ ހަފްތާއެއްހާ ދުވަސް ފަހުން އަޑުއެހުން މިއަދަށް ތާވަލުކުރި ނަމަވެސް، މައްސަލައިގެ ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ. ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގެ ޝަރީއަތްތައް އާންމު އުސޫލުން ކުރިއަށް ގެންދަނީ ސިއްރުކޮށްގެންނެވެ.
ފުލުހުން ވިދާޅުވެފައިވަނީ އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ވެސް ކުރައްވާފައިވާ ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައެވެ.
ހައްޔަރުކުރުމުގެ ކުޑައިރުކޮޅެއް ކުރިން ސޯޝަލް މީޑިއާ މެދުވެރިކޮށް ޝާހިދު ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ މިއީ ސިޔާސީ މަގުސަދެއްގައި އޭނާގެ އަބުރު ކަތިލުމަށް ހިންގާ ދޮގު ކެމްޕޭނެއް ކަމަށެވެ. ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ޝާހިދު ހައްޔަރުކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒެއް ނުވަތަ މަގުސަދެއް ނެތް ކަމަށް ވިދާޅުވެފައެވެ.
ދައުލަތުގެ މަތީ އިއްޒަތް، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާގެ ލަގަބު އަރުވާފައިވާ ޝާހިދުގެ މައްޗަށް މިފަދަ ބޮޑު ތުހުމަތެއް ކުރެވިފައި މިވަނީ، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓް ހޯއްދެވުމުގެ ޝައުގުވެރިކަން ފާޅުކުރައްވައި އެ މަސައްކަތްޕުޅު ފައްޓަވާފައި ވަނިކޮށެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.