ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ ހުސްވެފައިވާ މަގާމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ސަމީރު އައްޔަންކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ލަފާ އެރުވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަންނަ މަހުން ފެށިގެން ރިޓަޔާ ކުރައްވާތީ، އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައެވެ. މި މަގާމަށް ކުރިމަތިލެއްވީ އަލީ ސަމީރުގެ އިތުރުން ހައި ކޯޓުގެ މިހާރުގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.
މި ދެ ބޭފުޅުންނާ އިންޓަވިއު ކުރުމަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރަން ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވަން ނިންމެވީ އަލީ ސަމީރުގެ ނަން ކަމަށް ޖޭއެސްސީގެ މެމްބަރަކު ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ޖޭއެސްސީގެ މަޝްވަރާއާއެކު ރައީސުލްޖުމްހޫރިއްޔާ ސުޕްރީމް ކޯޓަށް ފަނޑިޔާރުން އައްޔަން ކުރައްވާނީ އެ ނަންފުޅު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައި، މަޖިލީހުގެ ޖަލްސާއެއްގައި އަޣުލަބިއްޔަތުން ފާސްކުރުމަށް ފަހުގައެވެ.
އަލީ ސަމީރަކީ ޝަރުއީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. އެގޮތުން 2011 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ހަމައަށް ހައި ކޯޓުގެ ފަނޑިޔާރުކަން އޭނާ ކުރެއްވިއެވެ. އަދި އޭގެ ކުރިން މަދަނީ ކޯޓުގެ އިސްގާޒީކަން ވެސް ކުރައްވާފައިވެއެވެ.
ހައި ކޯޓުގެ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، އަލީ ސަމީރު ވަނީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.