މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 25 ބުރީގެ އެޕާޓްމަންޓް ކޮމްޕްލެކްސްއެއް ޑިޒައިންކޮށް، ފައިނޭންސްކޮށް އަދި އިމާރާތްކޮށްދޭނެ ފަރާތެއް ހޯދުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު (އީއޯއައި) ހުޅުވާލައިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ "ޑިޒައިން-ބިލްޑް-ފައިނޭންސް" އުސޫލުންނެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ގާތްގަނޑަކަށް 12,015 އަކަފޫޓުގެ ބިމެއްގައެވެ. އަދި ބިލްޓް-އަޕް އޭރިއާއަކީ ގާތްގަނޑަކަށް 8,982 އަކަފޫޓެވެ. މި އިމާރާތުގެ ގްރައުންޑް ފްލޯ އަދި ފުރަތަމަ ފަންގިފިލާ ކޮމާޝަލް ބޭނުންތަކަށް ހާއްސަކުރާއިރު، ދެވަނަ ފަންގިފިލާއިން ފެށިގެން 25 ވަނަ ފަންގިފިލާއާ ހަމައަށް ހާއްސަކުރާނީ އަގުހެޔޮ ބޯހިޔާވަހިކަމުގެ އެޕާޓްމަންޓްތަކަށެވެ.
މަޝްރޫއު ހަވާލުކުރެވޭ ފަރާތުގެ ޒިންމާތަކުގެ ތެރޭގައި ސައިޓުގެ މާސްޓަރ ޕްލޭނިންގ ހެދުމާއި އާކިޓެކްޗަރަލް އިންޖިނިއަރިންގ މަސައްކަތްތައް ކުރުން ހިމެނެއެވެ. މީގެ އިތުރުން ފުރިހަމަ ފައިނޭންޝަލް މޮޑެލިންގ އަދި ކެޕިޓަލް ސްޓްރަކްޗަރިންގގެ މަސައްކަތްތަކާއި، ޓާންކީ އުސޫލުން އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް މެނޭޖްކޮށް ނިންމުން ވެސް ހިމެނެއެވެ.
އީއޯއައި ހުށަހަޅާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، 10 މިލިއަން ޑޮލަރަށް ވުރެ އަގުބޮޑު ރިއަލް އެސްޓޭޓް މަޝްރޫއުތަކަށް ޑެޓް އަދި އިކުއިޓީ ފައިނޭންސިންގ ހޯދުމުގެ ގާބިލުކަން ސާބިތުކޮށްދިނުމާއި، ވޭތުވެދިޔަ ތިން އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ބަޔާން ހުށަހެޅުން ހިމެނެއެވެ. އަދި ފާއިތުވި 10 އަހަރު ދުވަހުގެ ތެރޭގައި މިފަދަ މަދުވެގެން ތިން މަޝްރޫއެއް ލީޑް ޑިވެލޮޕަރ ނުވަތަ ޕްރައިމް ކޮންޓްރެކްޓަރެއްގެ ގޮތުގައި ފުރިހަމަކޮށްފައިވާކަމުގެ ތަޖުރިބާ ހުރުމާއެކު، ސިއްހަތާއި ރައްކާތެރިކަމުގެ މިންގަނޑުތައް ހިފަހައްޓާ ފަރާތަކަށް ވާންޖެހެއެވެ. މީގެ އިތުރުން ސައްހަ ވިޔަފާރި ރަޖިސްޓްރީއާއި، ކަމާބެހޭ އިދާރާތަކުގެ ލައިސަންސް އަދި ޓެކްސް ކްލިއަރެންސް އޮންނަންވާނެއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހަޅަންޖެހޭނީ [email protected] އަށް އީމެއިލް މެދުވެރިކޮށް ކަމަށެވެ. އީއޯއައި ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 22 ނޮވެމްބަރު 2026 ގެ މެންދުރު 12:00 އެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.