ކ. ތިލަފުށީގައި ހުންނަ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސައިޓުގައި 100 މީޓަރުގެ އެއްގަމުތޮށި ޑިޒައިންކޮށް ހެދުމާއި، ޕޭވިންގ އެޅުމަށް ހަވާލުކޮށްފައިވާ މަޝްރޫއުގެ މަސައްކަތްތަކުގެ ބޮޑުބައެއް ނިމިފައިވާ ކަމަށް މަސައްކަތުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
މި މަޝްރޫއުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، މިހާރު މުޅި މަޝްރޫޢުގެ ޖުމްލަ 67 އިންސައްތަ މަސައްކަތް ފުރިހަމަކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން އަލަށް ހެދި އެއްގަމުތޮށްޓާ އިންވެގެންވާ ސަރަހައްދުގައި ކުރިއަށްދިޔަ މަގު ހެދުމުގެ އެންމެހައި މަސައްކަތްތައް މިހާރު އެއްކޮށް ނިންމާލެވިފައިވާ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތު ދެއެވެ.
ރާއްޖޭގެ ވިޔަފާރި ބަނދަރުތަކުގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ކުރިއަށްދާ މި މަޝްރޫއަކީ އެ ރަށުގެ ޕޯޓް ސަރަހައްދުގެ ޖާގަ އިތުރުކުރުމަށް ކޮންމެހެން ބޭނުންތެރި މަޝްރޫއެކެވެ.
މި މަޝްރޫއު އެއްކޮށް ނިމުމުން، މާލޭ ވިޔަފާރި ބަނދަރަށް ބާރުބޮޑުވާ މިންވަރު ކުޑަކުރެވި، ތިލަފުށްޓަށް މުދާ އެތެރެކުރުމާއި، މުދާ ބޭލުމާއި ބަރުކުރުމުގެ އޮޕަރޭޝަންތައް މިހާރަށްވުރެ ރައްކާތެރިކަމާއެކު އަވަސް ސްޕީޑެއްގައި ކުރިއަށްގެންދިއުމަށް މަގުފަހިވެގެންދާނެއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.