އިންޑިއާއަށް އެކި ބޭނުންތަކުގައި ދަތުރުކުރާ ބޭރު ގައުމުތަކުގެ މީހުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން، އެ ގައުމުގެ ވިސާ ދޫކުރުމުގެ އޮނިގަނޑަށް ބޮޑެތި އިސްލާހީ ބަދަލުތަކެއް ގެނެސްފިއެވެ.

މި ބަދަލުތަކުގެ ދަށުން، މީގެ ކުރިން އޮތް 13 ވިސާ ކެޓަގަރީ ވަނީ 9 އަކަށް މަދުކޮށްފައެވެ. އަދި 49 ސަބް ކެޓަގަރީގެ އަދަދު 23 އަށް ތިރިކޮށް، ވިސާއަށް އެދި ހުށަހަޅާއިރު ފުރަންޖެހޭ މައުލޫމާތުތައް %65 އާއި %70 އާ ދެމެދުގެ މިންވަރަކަށް ވަނީ މަދުކޮށްފައެވެ. އިންޑިއާ ސަރުކާރުން ބުނީ މި ބަދަލަކީ ދަތުރުވެރިންނަށް އެ މީހަކު ބޭނުންވާ ވިސާއެއް ފަސޭހައިން ދެނެގަނެވޭނެ ގޮތް ހަމަޖެއްސުމަށް ގެނައި ބަދަލެއް ކަމަށެވެ.

އާ އުސޫލުގެ ދަށުން ދޫކުރާ މައިގަނޑު ކެޓަގަރީތަކަކީ: ބިޒްނަސް، ޑިޕްލޮމެޓިކް، ވޯކް، ޖާނަލިސްޓް، މެޑިކަލް، އޮފިޝަލް، ސްޓޫޑެންޓް، ވިޒިޓާ އަދި މިސަލޭނިއަސް ވިސާއެވެ.

އިޝްތިހާރު އިޝްތިހާރު

މައިގަނޑު ބަދަލުތައް:

  • ވިޒިޓާ ވިސާ: ކުރިން 'ޓޫރިސްޓު ވިސާ' ގެ ގޮތުގައި ދެމުން އައި ވިސާގެ ނަން 'ވިޒިޓާ ވިސާ' އަށް ބަދަލުކޮށް، ދެ ބަޔަކަށް ވަނީ ބަހާލައިފައެވެ. އެއީ ކުރު މުއްދަތުގެ ވިޔަފާރި ބައްދަލުވުންތަކާއި ސަގާފީ ކަންކަމަށް ހާއްސަ 30 ދުވަހުގެ މަލްޓިޕަލް-އެންޓްރީ 'ވީ-1' ވިސާ އާއި، 1 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތަށް ދޫކުރާ 'ވީ-2' ވިސާއެވެ.

  • މެޑިކަލް ވިސާ: އާންމު ބޭސްފަރުވާއަށް 'އެމް-1' އަދި އޯލްޓަނޭޓިވް ބޭސްވެރިކަމަށް 'އެމް-3' ވިސާ ތައާރަފުކޮށްފައިވާއިރު، މި ވިސާތައް ދޫކުރާނީ 1 އަހަރުގެ މަލްޓިޕަލް-އެންޓްރީގެ ގޮތުގައެވެ. މީގެއިތުރުން ބަލިމީހާގެ އެހީތެރިންނަށް ހާއްސަ ވިސާތަކެއް ('އެމް-2' އަދި 'އެމް-4') ވެސް ވަނީ ކަނޑައަޅައިފައެވެ. މިއީ ތަކުރާރުކޮށް ޑޮކްޓަރަށް ދައްކަންޖެހޭ ފަރާތްތަކަށް ލިބުނު ބޮޑު ލުޔެކެވެ.

  • ސްޓޫޑަންޓް ވިސާ: ސްކޫލް އަދި ޔުނިވާސިޓީ ދަރިވަރުންނަށް 'އެސް-1' އަދި ޕީއެޗްޑީ، ރިސާޗް ހަދާ ފަރާތްތަކަށް 'އެސް-2' ވިސާ ވަނީ ހަމަޖައްސައިފައެވެ. 'ސްޓަޑީ އިން އިންޑިއާ' ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރީވާ ދަރިވަރުންނަށް ކޯހުގެ މުއްދަތަށް (ގިނަވެގެން 5 އަހަރަށް) މަލްޓިޕަލް-އެންޓްރީ ވިސާ ލިބޭނެއެވެ.

  • ބިޒްނަސް ވިސާ: ދިގު މުއްދަތުގެ ވިޔަފާރި އިންވެސްޓްމަންޓްތަކަށް 'ބީ-1' އަދި ކުރު މުއްދަތުގެ ކޮންޓްރެކްޓް މަސައްކަތްތަކާއި ކޮންފަރެންސްތަކަށް 'ބީ-2' ވިސާ ވަނީ ކަނޑައަޅައިފައެވެ.

ދިވެހިންނަށް ކުރާނެ އަސަރު:

ދެ ގައުމުގެ ދެމެދުގައި އޮންނަ ވިސާ އެއްބަސްވުމުގެ ދަށުން، ޗުއްޓީއަށާއި އާންމު ބޭސްފަރުވާއަށް ދަތުރުކުރާ ދިވެހިންނަށް ކުރިއެކޭ އެއްގޮތަށް އެއްވެސް އަގަކާ ނުލައި 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ލިބެމުންދާނެއެވެ. ނަމަވެސް، ދިގު މުއްދަތަށް ބޭސްފަރުވާ ކުރަންޖެހޭ ދިވެހިންނަށާއި، އިންޑިއާގައި ކިޔަވާ ދަރިވަރުންގެ އިތުރުން ވިޔަފާރިވެރިންނަށް އަލަށް ގެނައި މި އިސްލާހުތަކުގެ ސަބަބުން ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.