އިންޑިއާ އަސްކަރިއްޔާގައި ބޭނުންކުރާ މުދާއުފުލާ މަތިންދާ ބޯޓެއް ވެއްޓިއްޖެއެވެ.
އިންޑިއާގެ އާސާމްގައި އޮންނަ އަސްކަރިއްޔާގެ ޖޮރްހަޓް އެއަރފޯސް ބޭހަށް ޖައްސަން އަންނަނިކޮށް ވެއްޓިފައިވަނީ އޭއެން-32 ގެ މުދާއުފުލާ މަތިންދާ ބޯޓެކެވެ. ބޯޓު ވެއްޓުނީ އަސްކަރީ ބޭސް ހިމެނޭ ސަރަހައްދަށެވެ.
މިއީ ރަޝިޔާގައި އުފައްދާފައިވާ ބޯޓެކެވެ.
ބޯޓު ވެއްޓުމާއެކު ގޮވައި އަލިފާން ރޯވެފައި ވެއެވެ.
ވެއްޓުނު ބޯޓުގެ ޕައިލެޓުންނާއި އަދި އެހެން މީހުންނާބެހޭ އެއްވެސް ތަފްސީލެއް އަދި ނުލިބެއެވެ. ބައެއް ރިޕޯޓްތައް ބުނަނީ ބޯޓުން ދަތުރުކުރި އެންމެން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އިންޑިއާ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބޯޓު ވެއްޓުނުކަން ކަށަވަރުކޮށް ދިނުމަށްފަހު ބުނެފައިވަނީ، މި ހާދިސާގެ ކަންކަން ބަލަމުންދާ ކަމަށާއި، އިތުރު ތަފްސީލް ދެވޭނީ އެސެސްމަންޓެއް ހެދުމަށްފަހުގައި ކަމަށެވެ.
ބޯޓު ވެއްޓުނީ ކީއްވެގެން ކަމާމެދު އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އޭއެން-32 ގެ މުދާއުފުލާ މަތިންދާ ބޯޓުތަކަކީ، ސޯވިއެޓްގެ ދުވަސްވަރުން ފެށިގެން، އިންޑިއާ އަސްކަރިއްޔާގެ ބޭނުންތަކަށް ޚާއްސަކޮށްގެން އުފައްދަމުން ގެންދާ ބޯޓުތަކެކެވެ. މީގެ 100 ވަރަކަށް ބޯޓު އިންޑިއާގެ އަސްކަރިއްޔާގައި މިހާރުވެސް ބޭނުން ކުރެއެވެ.
މިއީ، އާންމުކޮށް އަސްކަރިއްޔާގެ ބޭނުންތަކަށް އެއްތަނުން އަނެއް ތަނަށް ހަތިޔާރާއި އެނޫންވެސް މުދާ އުފުލަން ބޭނުންކުރާ ބޯޓުތަކެކެވެ. މިއިން ކޮންމެ ބޯޓަކުން 7.5 ޓަނުގެ ކާގޯއާއި، 50 މީހުން އުފުލެއެވެ.
ފަރުބަދަމަތީ ސަރަހައްދުތަކުގައި ތިބޭ އިންޑިއާ ސިފައިންގެ ބޭނުންތަކަށް ވައިގެތެރެއިން މުދާ ވައްޓަންވެސް މި ބޯޓުތައް ބޭނުންކުރެއެވެ.










ކިޔުންތެރިންގެ ހިޔާލު