ހަކަތައިގެ ސިނާއަތްތަކަށް ހަމަލާނުދޭން ޔޫކްރެއިނާއި ރަޝިޔާއިން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

އެމެރިކާގެ ރައީސް މިފަދައިން ހާމަކޮށްފައިވަނީ އޭނާގެ އަމިއްލަ ޓުރުތު ސޯޝަލްގައި ޕޯސްޓްކުރި މެސެޖެއްގައެވެ.

އެމެރިކާގެ ރައީސްގެ މެސެޖްގައި ބުނެފައިވަނީ، ރަޝިޔާގެ ހަކަތައިގެ އަމާޒުތަކަށް ހަމަލާނުދިނުމަށް ޔޫކްރޭނުން އެއްބަސްވެފައިވާ ކަމަށާއި، އެފަދައިން ކަންތައް ކުރުމަށް ރަޝިޔާއިންވެސް އެއްބަސްވެފައިވާ ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

ޓްރަމްޕްގެ މެސެޖްގައި ބުނީ،  ދުނިޔޭގެ ޑީސަލްގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ރަޝިޔާ/ޔޫކްރެއިން ހަނގުރާމަ  ކަމަށެވެ. އެއީ އީރާނު ހަނގުރާމައިގެ ސަބަބުން ވެގެންއުޅޭ ގޮތެއް ނޫންކަމަށްވެސް ޓްރަމްޕް ބުނެފައި ވެއެވެ.

ޓްރަމްޕްގެ މެސެޖްގެ ކުރިން ރަޝިޔާ ސަރުކާރުގެ ތަރުޖަމާނު ޕެސްކޯވް ވަނީ، ރަޝިޔާގެ ޑީސަލް އުފައްދާ ތަންތަނަށް ހަމަލާނުދޭން އެމެރިކާގެ ރައީސް، ޔޫކްރެއިނަށް ގޮވާލި ގޮވާލުމަށް މަރްހަބާ ވިދާޅުވެފައެވެ.

އެކަމަކު އޭނާ ވިދާޅުވީ، ދުނިޔޭގެ ހަކަތައިގެ ބާޒާރުގައި ނުތަނަވަސްކަން މައިގަނޑު ގޮތެއްގައި އުފެދުނީ ގަލްފް ސަރަހައްދުގައި ހިނގަމުންދާ ކުރިމަތިލުންތަކުގެ ސަބަބުން ކަމަށެވެ. އެއީ، އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ހަނގުރާމައެވެ.

ހަކަތައިގެ ތަންތަނަށް ހަމަލާދިނުން ހުއްޓާލަން ޔޫކްރެއިނާއި ރަޝިޔާއިން އެއްބަސްވެއްޖެ ކަމަށް އެމެރިކާގެ ރައީސް މި އިއުލާންކުރީ ދެ ފަރާތުން ވަރުގަދައަށް ހަމަލާތައް ބަދަލުކުރަމުން ދަނިކޮށެވެ.

މިހާރު ސުވާލު އުފެދިފައިވަނީ، ހަކަތައިގެ ތަންތަނަށް ހަމަލާދިނުން ހުއްޓާލަން ދެފަރާތުން ވެފައިވާ އެއްބަސްވުމަށް އަމަލުކުރަން ފެށޭނެ ވަގުތަކާ މެދުގައެވެ.