އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓްގައި ބައިވެރިވެވަޑައި ގަތުމަށް އީރާނުގެ ރައީސް ޑރ. މަސްއޫދު ޕެޒެޝްކިއާން އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މިކަން އިންޑިއާގެ މީޑިއާއިންވަނީ ރިޕޯޓް ކޮށްފައެވެ.

ބްރިކްސް ސަމިޓް އޮންނާނީ އަންނަ ސެޕްޓެމްބަރު މަހުގެ 12-13 އަށް ވެރިރަށް ނިއުދިއްލީގައެވެ. މިއީ، ބްރިކްސްގެ 18 ވަނަ ސަމިޓެވެ. އިންޑިއާއަކީ ބްރިކްސްގެ މިހާރު ހިނގަމުންދާ ދައުރުގެ ޗެއަރއެވެ.

އިޝްތިހާރު އިޝްތިހާރު

މިފަހަރުގެ ސަމިޓް ބާއްވަނީ "ބިލްޑިންގ ފޯރ ރެސިލިއެންސް، އިނޮވޭޝަން، ކޯޕަރޭޝަން އެންޑް ސަސްޓެއިނަބިލިޓީ" މި ތީމުގެ ދަށުންނެވެ.

ބްރިކްސްއަކީ 11 މެމްބަރު ގައުމު ހިމެނޭ ބައިނަލްއަގްވާމީ ޖަމާއަތެކެވެ. މެމްބަރު ގައުމުތަކުގެ ތެރޭގައި ދުނިޔޭގެ ވަރުގަދަ އިންގިސާދުތަކާއި، ސިނާއީގޮތުން ކުރިއަރާފައިވާ ގައުމުތައްވެސް ހިމެނެއެވެ.

ބްރިކްސްގެ ފައުންޑިންގ މެމްބަރުންނަކީ ބްރެޒިލް، ރަޝިޔާ، އިންޑިއާ އަދި ޗައިނާއެވެ.

އީރާނު ބްރިކްސްގެ ފުރިހަމަ މެމްބަރަކަށްވީ 2024 ވަނަ އަހަރުއެވެ. އީރާނާއެކު، މިސްރާއި، ޔޫއޭއީއާއި އިތިއޮޕިއާވެސް މެމްބަރުންގެ ގޮތުގައި ހަމަޖެހުނެވެ. ބްރިކްސްގައި އިންޑޮނޭޝިޔާ ބައިވެރިވެފައިވަނީ 2025 ވަނަ އަހަރުއެވެ.

ބްރިކްސް ސަމިޓުގެ ތައްޔާރީތަކުގެ ތެރެއިން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަޣްޗީ، މިއަހަރުގެ ޖޫންމަހުގެ ތެރޭގައި އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައި ވެއެވެ.