ޣައްޒާގެ މެދުތެރޭ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ވެލިގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަދުވެގެން ފަސް މީހުން މަރުވެއްޖެއެވެ. އެ ސަރަހައްދުގެ ސިއްހީ އިދާރާތަކުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނެއެވެ.

މި ވިއްސާރައިގެ ސަބަބުން 1،000 އަށް ވުރެ ގިނަ ޓެންޓާއި ވަގުތީ ހިޔާތައް ހަލާކުވެގެން ގޮސްފައިވާއިރު، އަވަސް އެހީތެރިކަމަށް އެދި 1،500 އަށް ވުރެ ގިނަ ފަރާތުން ގުޅާފައިވާ ކަމަށް ފަލަސްތީނުގެ ސިވިލް ޑިފެންސުން ވަނީ ބުނެފައެވެ. ސިވިލް ޑިފެންސްގެ ތަރުޖަމާނު ހާމަކުރެއްވި ގޮތުގައި، ދައިރުލް ބަލަހުގައި ޖަހާފައި ހުރި ޓެންޓުތަކަށް ގެއްލުން ލިބިގެން ޒަޚަމްވި ބައެއް މީހުން އާދީއްތަ ދުވަހު ވަނީ ރައްކާތެރި ސަރަހައްދުތަކަށް ނެރެދީފައެވެ. އަދިވެސް އިމަޖެންސީ ޓީމުތަކުން ދަނީ ސަލާމަތްވެފައި ތިބި މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ވިއްސާރަވެ ފެންބޮޑުވުމާ ގުޅިގެން، ޣައްޒާގެ އެކި ހިސާބުތަކުގައި ރައްކާތެރިކަން ހޯދަމުން އަންނަ ގެދޮރު ގެއްލިފައިވާ އެތައް ދިހަ ހާސް މީހުން ދިރިއުޅޭ ވަގުތީ ހިޔާތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ޣައްޒާ ސިޓީގައި ހުރެ ރިޕޯޓްކުރަމުން އަލްޖަޒީރާގެ އިބްރާހިމް އަލް-ޚަލީލީ ފާހަގަކުރީ، އެ ސަރަހައްދުގައި ހުރި ވަގުތީ ޓެންޓުތަކަކީ މިފަދަ ގަދަފަދަ ވިއްސާރައިން ރައްކާތެރިކަން ދެވޭ ފަދަ ތަންތަން ނޫން ކަމަށެވެ.

އިޝްތިހާރު އިޝްތިހާރު

"މި ފަހަރު ކުރިމަތިވި ތޫފާނުން ސާފުވެގެން ދިޔައީ މި ތަންތަނުގައި އެއްވެސް ރައްކާތެރިކަމެއް ނެތްކަން. އެތައް ދުވަހެއް ވަންދެން އާއިލާތަކުން ވަރުގަދަކުރަން މަސައްކަތްކުރި ވަގުތީ ހިޔާތައް، ބޯ ވާރެއާއި ވައިގަދަވުމުގެ ސަބަބުން މަދު ވަގުތުކޮޅެއްގެ ތެރޭގައި ވަނީ ސުންނާފަތިވެފައި،" އަލް-ޚަލީލީ ބުންޏެވެ.

އޭނާގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފެނުން ތެމި ހަލާކުވެފައިވާ ގޮދަޑިތަކާއި ހެދުންތައް މުޅި ސަރަހައްދުން ފެންނަން ހުރިއިރު، ގެދޮރު ނެތިފައިވާ ގާތްގަނޑަކަށް 400،000 ފަލަސްތީނު މީހުން ހިޔާވަހިކަން ހޯދަމުން ދަނީ ފެންބޮޑުވުމުގެ ނުރައްކާ އެންމެ ބޮޑު ސަރަހައްދުތަކުގައެވެ.

މި ހާދިސާއާ ގުޅިގެން ސޭވް ދަ ޗިލްޑްރަން އިންޓަނޭޝަނަލްގެ ސަރަހައްދީ ޑިރެކްޓަރު އަހުމަދު އަލްހެންދާވީ ވިދާޅުވީ، މިއީ ކުރިންވެސް އަންދާޒާކުރެވިފައިވާ ބޮޑު މުސީބާތެއް ކަމަށެވެ. މީހުން ނިދާފައި ތިއްބާ ކޭމްޕުތަކަށް ފެންވަދެ، ކުޑަކުދިން ފިނީގައި ތުރުތުރުއަޅަމުން ދިޔައިރު އާއިލާތަކުގެ އަތުގައި ބާކީ ހުރި ކުޑަ މިންވަރުވެސް ފެނުގެ ތެރެއަށް ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިއީ ހަމައެކަނި މޫސުމީ މައްސަލައެއް ނޫން ކަމަށާއި، އިސްރާއީލުން އަޅާފައިވާ ހުރަސްތަކުގެ ސަބަބުން ޓެންޓުތަކާއި ވަގުތީ ހިޔާ ހެދުމަށް ބޭނުންވާ ސާމާނާއި ތެޔޮ ބޯޑަރުގައި ތާށިވެފައި ހުރުމަކީ ގަސްތުގައި ނިންމާފައިވާ ނިންމުމެއް ކަމަށް އަލްހެންދާވީ ވިދާޅުވިއެވެ. އަދި މިކަމުގެ ހިތި ނަތީޖާ ތަހައްމަލުކުރަން ޖެހިފައިވަނީ ކުށެއް ނެތް ކުޑަކުދިންނަށް ކަމަށްވެސް އޭނާ ބަޔާންކުރެއްވިއެވެ.