މަރުގެ އަދަބު ތަންފީޒުކުރުމާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅި ބިލު އެކުލަވާލާފައިވަނީ އެންމެހައި ފަރާތްތަކެއްގެ ހައްގުތައް ކަށަވަރުވާނެހެން އިސްލާމީ ޝަރީއަތުގެ އަސްލުތަކުގެ މައްޗަށް ބިނާކޮށްގެންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި މަރުގެ އަދަބު ކަނޑައެޅިފައި އޮތް ނަމަވެސް އަދި ޝަރުއީ ތިން މަރުހަލާ ނިމި އެ ހުކުމް ސާބިތުވެފައިވާ މީހުން ތިބި ނަމަވެސް، ވޭތުވެދިޔަ އެއްވެސް ވެރިކަމެއްގައި އެ އަދަބު ތަންފީޒުކޮށްފައި ނުވާ ކަމަށެވެ.
ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު، އިސްލާމްދީން ބަޔާންކުރާ ގޮތަށް ގިސާސް ހިފުމަކީ ދައުލަތުން ތަންފީޒުކުރަންޖެހޭ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ މި ބިލުގައި މައިގަނޑު ދެ ކަމެއް ހިމެނޭނެ ކަމަށެވެ. އެއީ ގިސާސް ހިފުމުގެ އުސޫލުތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ މައްސަލަތަކުގައި މަރުގެ އަދަބު ދިނުމަށް ކަނޑައެޅޭ މިންގަނޑުތަކެވެ.
ކީރިތި ޤުރުއާނުގައި ގިސާސް ހިފުމުގައި ފުރާނަތަކަށް ދިރުމެއްވާކަން އަންގަވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، މި އަދަބު ތަންފީޒުކުރުމަކީ މީހުން މެރުން ފަދަ ބޮޑެތި ޖަރީމާތަކަށް އަރައިގަތުމަށް ކުށްވެރިން ޖެހިލުންވެ، މުޖުތަމައުގައި އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުމަށް މަގުފަހިވާނެ ކަމެއް ކަމަށެވެ.
އަޅުގަނޑުމެންގެ ގާނޫނުއަސާސީ ވަރަށް ސާފުކޮށް ބަޔާންކުރޭ ގާނޫނުއަސާސީގެ ހަމަތައް އޮތީ ކިހިނެއްކަން. ކީރިތި ގުރުއާނާއި ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީސްފުޅުތަކާ އެއްގޮތަށް، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތަށްކަން ގާނޫނުތައް ހަދަންވާނީ. އެހެންވީމާ މަރުގެ އަދަބު ތަންފީޒުކުރަންޖެހޭ ހާލަތުގައި ތިބޭ ފަރާތްތަކާމެދު، ހާކިމާއަށް އިސްލާމީ ދައުލަތެއްގެ ރައީސުއްދައުލާއަށް އޮންނަ ހައްގެއް ނޫން އެހިސާބަށް ގޮސްފައި އޮތްކަމެއް ހިފަހެއްޓުމަކީ. މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނުގައި އޮތް ގޮތަށް ގިސާސް ތަންފީޒުކުރުން.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން، މި ނިންމުމާ ދެކޮޅު ހަދާނެ ފަރާތްތައް ތިބޭނެކަން ގަބޫލުކުރައްވާ ކަމަށާއި، ނަމަވެސް ބިލު އެކުލަވާލާފައިވަނީ ޝަރުއީ ތިން މަރުހަލާ ފުރިހަމަވުމުގެ އިތުރުން، އެންމެ ފަހު ވަގުތާ ހަމައަށްވެސް މަރުވި މީހާގެ ވާރުތަވެރިންނަށް ގާތިލަށް މައާފުކުރުމުގެ އިޚްތިޔާރު ލިބިދޭ ގޮތަށް ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އަދި ބިލުގެ މައިގަނޑު އަމާޒަކީ ދެ ފަރާތުގެ ހައްގުތައް ވެސް ރައްކާތެރިކޮށް، އަދުލު އިންސާފު ގާއިމުކުރުން ކަމުގައި ރައީސް ފާހަގަކުރެއްވިއެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.