ރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުމާއި އެ އަދަބު ތަންފީޒުކުރުމާ ގުޅޭ ޚާއްސަ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ޕާލިމަންޓަރީ ގްރޫޕަށް ނިސްބަތްވެވަޑައިގަންނަވާ، ގުރައިދޫ ދާއިރާގެ މެންބަރު ޙަނާން މުޙައްމަދު ރަޝީދެވެ. މި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި އިއްވުމަށް ވަނީ ތާވަލުކޮށްފައެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު މަގުސަދަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ބައިނަލްއަގުވާމީ ހަމަތަކަށް ރިއާޔަތްކޮށް، އާންމު ރައްޔިތުންނާއި ކުށްވެރިޔާގެ ހައްގުތައް ވެސް ރައްކާތެރިކުރެވޭނެ ފަދަ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ތެރެއިން މަރުގެ އަދަބު ތަންފީޒުކުރުމުގެ އުސޫލުތައް އެކަށައެޅުމެވެ.
މަޖިލީހަށް ހުށަހެޅި ބިލުގައި މީހެއްގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގައި ފުރިހަމަވާންޖެހޭ ލާޒިމު ޝަރުތުތަކާއި، މިފަދަ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރަންޖެހޭނެ ތަފުސީލީ އުސޫލުތައް ބަޔާންކޮށްފައިވެއެވެ. މީގެއިތުރުން، ދައުލަތުން ފުރިހަމަކުރަންޖެހޭ ޒިންމާތަކާއި، އަދަބު ކަނޑައެޅޭ ފަރާތަށް ލިބިދޭ ގާނޫނީ ހައްގުތައް ވެސް ވަނީ ހިމަނައިފައެވެ.
ބިލުގައި ފާހަގަކޮށްފައިވާ މުހިންމު ޝަރުތުތަކުގެ ތެރޭގައި:
-
ވާރިސުންގެ މެދުގައި މަރުގެ އަދަބު ދިނުމާމެދު އެއްބަސްވުން އޮތުން
-
ޝަރުއީ ހުރިހާ މަރުހަލާއެއް ފުރިހަމަކޮށް، އަދުލުވެރި އަދި އިންސާފުވެރި ޝަރީއަތެއް ހިންގުން
-
ކުށް ސާބިތުވާ ފަރާތަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފުރިހަމައަށް ލިބިދިނުން
މީގެއިތުރުން، ބައެއް ހާލަތްތަކުގައި މަރުގެ އަދަބު ތަންފީޒުކުރުން މަނާވާނެ ސަބަބުތަކާއި، ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި ހިފަހައްޓަންޖެހޭ އިޖުރާއަތުތައް ވެސް މި ބިލުގައި ތަފުސީލުކޮށް ވަނީ ހިމަނައިފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.