ވިޔަފާރި ބޭނުމަށް ލ. ގަމުން ބޭރުކުރާ ކޮންމެ ރުކަކަށް 100 ރުފިޔާގެ ފީއެއް ނަގާ ގޮތަށް، އެ ރަށުން ރުއްގަސް ނެގުމާއި އުފުރުމާއި ރަށުން ބޭރުކުރުމުގެ އުސޫލު ގަމު ކައުންސިލުން އާންމުކޮށްފިއެވެ.
ރާއްޖޭގައި ބިން އެންމެ ބޮޑު ރަށް ކަމަށްވާ ގަމު ކައުންސިލުން އާންމުކުރި އުސޫލުގައިވާ ގޮތުން، އެ ރަށުގެ އެއްވެސް ސަރަހައްދަކުން ރުއްގަސް ކަނޑައި، އުފުރައި ނުވަތަ ރަށުން ބޭރުކުރެވޭނީ ކައުންސިލުގެ ލިޔުމުން ދޫކުރާ ހުއްދައެއް ލިބިގެންނެވެ.
މި އުސޫލުގެ ދަށުން ގަމުގެ ހޭޅީގައި ގޮނޑުދޮށަށް ވާ ގޮތަށް ހެދިފައިވާ ރުއްގަހާއި، ހިމާޔަތްކޮށްފައިވާ ހުރިހާ ބާވަތެއްގެ ރުއްގަސް ކަނޑައި ރަށުން ބޭރުކުރުން ވަނީ މަނާކޮށްފައެވެ. އަދި ޤާނޫނީ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކާއި، އެ ސަރަހައްދެއްގެ ވަށައިގެންވާ 20 މީޓަރުގެ ސަރަހައްދުގައި ހުންނަ ރުއްގަހުގެ އިތުރުން ނެތިދިއުމުގެ ބިރުހީވެފައިވާ ގަސްގަހާގެހި ނެގުން ވެސް މަނާވާނެއެވެ.
ގަހުގެ ގޮފިތަކާއި މޫތައް ދިގުވެ އަވަށްޓެރި ގޭގޭގެ އިމާރާތްތަކަށް ބޮޑު ގެއްލުމެއް ލިބޭނަމަ، ކައުންސިލުގެ ހުއްދާއާއެކު އުނދަގޫވާ ގޮފިތަކާއި މޫތައް ކޮށައި ގަސް ބެލެހެއްޓުން އުސޫލުން ހުއްދަކުރެއެވެ. މީގެ އިތުރުން 50 އަށްވުރެ ގިނަ ރުއްގަސް ނަގާނަމަ ނުވަތަ 4،000 އަކަފޫޓަށްވުރެ ބޮޑު ސަރަހައްދެއް ސާފުކުރާނަމަ ތިމާވެއްޓަށް އަސަރުފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓެއް ހަދައި އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއަށް ހުށަހަޅަންޖެހޭނެއެވެ.
ރުއްގަސް ނެގުމުގެ ހުއްދައަށް އެދޭ ފަރާތްތަކުން ހުށަހަޅާ ކޮންމެ ފޯމަކަށް 50 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ވިޔަފާރި ބޭނުމަށް ރަށުން ބޭރަށް ގެންދާ ކޮންމެ ރުކަކަށް 100 ރުފިޔާ ނަގާއިރު، ރަށުން ބޭރުކުރާ ކޮންމެ ގަހެއްގެ ވަށަމިނުގައި 10 ސެންޓިމީޓަރު ހަމަވާނަމަ 25 ރުފިޔާ އަދި އިތުރުވާ ކޮންމެ ސެންޓިމީޓަރަކަށް 5 ރުފިޔާގެ ފީއެއް ނަގާނެއެވެ.
މި އުސޫލުގެ ދަށުން ދަރުގެ ގޮތުގައި ބޭނުންކުރުމަށް ކަނޑާ ކޮންމެ ގަހަކަށް 10 ރުފިޔާ ނަގާއިރު، މުއްދަތު އިތުރުކޮށްދޭ ކޮންމެ ފަހަރަކު 2،000 ރުފިޔާގެ ފީއެއް ދައްކަންޖެހޭނެއެވެ. ކައުންސިލުން މުއްދަތު އިތުރުކޮށްދޭނީ ގިނަވެގެން ދެ ފަހަރު ކަމަށްވާއިރު، ނާސަރީގައި ހައްދާ ރުއްގަސް ބޭރުކުރުމަށް ތިން ދުވަހުގެ ހުއްދައެއް އަދި އެހެނިހެން ތަންތަނުގައިވާ ރުއްގަހަށް ހަތް ދުވަހުގެ ހުއްދައެއް ދޫކުރާނެއެވެ.
ގަމުން ކަނޑައި ނުވަތަ އުފުރައިގެން ނަގާ ކޮންމެ ރުއްގަހަކަށް ދެ ރުއް ނުވަތަ ދެ ގަސް އިންދަންޖެހޭނެ ކަމަށް ވެސް ކައުންސިލުގެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ. ރާއްޖޭގެ ބައެއް ރަށްރަށުން ވިޔަފާރި ބޭނުންތަކަށް ގިނަ އަދަދަކަށް ރުއްގަސް އުފުރައިގެން ގެންދިއުމުގެ ކަންބޮޑުވުން ތިމާވެށި ހިމާޔަތްކުރާ ޖަމިއްޔާތަކުން މީގެ ކުރިން ވެސް ވަނީ ފާޅުކޮށްފައެވެ.
ޚިޔާލު ފާޅުކުރައްވާ
ކޮމެންޓްތައް
މި ލިޔުމަށް އަދި ޚިޔާލެއް ފާޅުކޮށްފައެއް ނުވެއެވެ.