އިންސާނީ ހައްގުތަކަށް ވަކާލާތުކުރާނެ ފަރާތްތައް ބިނާކުރުމުގެ މަގުސަދުގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މާލްދީވްސް (އެޗްއާރްސީއެމް) ގެ އިސްނެގުމުގެ މަތިން ކުރިއަށްގެންދާ ފަސް ދުވަހުގެ “ހިއުމަން ރައިޓްސް ޑިފެންޑާރސް ޕްރޮގްރާމް” މިއަދު ލ. ގަމުގައި ފަށައިފިއެވެ.
މި ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން އެޗްއާރްސީއެމްގެ ކޮމިޝަނަރު އަލްއުސްތާޒު އިސްމާއީލް ހަބީބު އަބްދުއްރަހީމް ވަނީ، މުޖުތަމައުގައި އިންސާނީ ހައްގުތައް ރައްކާތެރިކޮށް ދެމެހެއްޓުމުގައި ހިއުމަން ރައިޓްސް ޑިފެންޑަރުންގެ ދައުރަކީ ނުހަނު މުހިންމު އަދި އަގުހުރި ދައުރެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ފަސް ދުވަހުގެ ތަމްރީނުން ލިބޭ މައުލޫމާތާއި ހުނަރުގެ އަލީގައި، އިންސާނީ ހައްގުތަކަށް މުޖުތަމައު ހޭލުންތެރިކުރުވުމަށާއި، އަނިޔާއާއި ތަފާތުކުރުންތަކާ ދެކޮޅަށް ފާޅުގައި މަސައްކަތްކުރާނެ ހީވާގި ޑިފެންޑަރުންތަކެއް އުފެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް ކޮމިޝަނަރު ވިދާޅުވިއެވެ.
މި މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަދަނީ ޖަމިއްޔާތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެޗްއާރްސީއެމް އަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާއާއި، މި ކޮމިޝަނުގެ “ސިވިލް ސޮސައިޓީ އެންގޭޖްމަންޓް އެންޑް ކެޕޭސިޓީ ބިލްޑިންގ ސްޓްރެޓެޖީ” އަދި ދެމެހެއްޓެނިވި ތަރައްގީގެ 2030 ގެ އެޖެންޑާއާ އެއްގޮތްވާ ގޮތުގެ މަތިން ހިންގޭ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ބިނާވެފައިވަނީ މިފަދަ ފަރާތްތައް ތަމްރީނުކުރުމަށް ތައްޔާރުކޮށްފައިވާ “ހިއުމަން ރައިޓްސް ޑިފެންޑަރސް މެނުއަލް” ގެ މައްޗަށެވެ. މީގެ ތެރެއިން ގިނަ ދާއިރާތަކަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ މުހިންމު ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިސިލް ބްލޯވަރ ގާނޫނަށާއި، ޖިންސީ ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އަހުލުވެރިކުރުވުމުގެ ތަމްރީންތަކުގެ އިތުރުން ފުލުހުންނަށް އަމާޒުކޮށްގެން އެންޓި ޓޯޗަރ ސެޝަންތަކާއި، އަންހެނުންނާއި ޖަމްއިއްޔާތަކަށް ހާއްސަ ސެޝަންތަކެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން، އެޗްއާރްސީއެމްގެ ދެ ޓީމަކުން ލ. އަތޮޅުގެ ރަށްތަކަށް ޒިޔާރަތްކޮށް ސްކޫލް ދަރިވަރުންނަށާއި، ބެލެނިވެރިންނަށް އަދި އެކި މުއައްސަސާތަކަށް ހޭލުންތެރިކުރުވުމުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ލ. އަތޮޅުގެ މާބައިދޫ، ދަނބިދޫ، އިސްދޫ، ކަލައިދޫ، މާމެންދޫ، ހިތަދޫ، ކުނަހަންދޫ، މާވަށް، އަދި މުންޑުއަށް ކޮމިޝަނުގެ ވަފުދުން ދަތުރުކޮށް ސެޝަން ނަގައިދިނުމަށް ވަނީ ނިންމާފައެވެ. މިއީ އެ ކޮމިޝަނުން މައުލޫމާތު ފަތުރައި އިންސާނީ ހައްގުތަކުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަގުސަދުގައި ފުޅާދާއިރާއެއްގައި ކުރިއަށްގެންދެވޭ މުހިންމު ހަރަކާތެކެވެ.










ކިޔުންތެރިންގެ ހިޔާލު